Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޒުވާނުން ހާސް ކަނޑާލާ، ހުރިހާ ކަމެއް ހަމަޖެހޭނެ

ޒުވާނުން ހާސް ކަނޑާލުމަށާއި ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ރޭ "ފުރަވީރުން"ގެ ނަމުގައި ބޭއްވި ކުލަގަދަ އިވެންޓެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޒުވާނުންނަކީ މާދަމާގެ މުސްތަގުބަލު ކަމަށާއި ޒުވާނުންނާ ހަމައަށް ގައުމު ވާސިލުކޮށްދޭން ވާނީ ކާބަފައިން ގައުމު ވާސިލުކޮށްދިން ފަދައިން އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއެކު ކަމަށެވެ. އަދި އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ކަމަށާއި އެ މަސައްކަތް ކުރުމުގައި ހުންނެވީ ޅަ ކުދިންނާއި ޒުވާނުންނާ އެކު ކަމަށް ގާސިމް ވިދާޅުވި އެވެ.

ޒުވާނުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށާއި އެކަމާ މެދު ހާސް ނުވުމަށް ވެސް ގާސިމް ވަނީ ޒުވާނުންނަށް ގޮވާލާފަ އެވެ.

"ތި ބޭފުޅުން ހާސް ކަނޑާލާށޭ. ބޭނުންވާ ހުރިހާ ކަމެއް ވެސް ހަމަޖެހިގެންދާނެ." ޒުވާނުންނާއި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

ރޭގެ އިވެންޓަކީ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިސްނަންގަވައިގެން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި މިއުޒިކްގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިޔައިރު ހަވާ އެރުވުން ވެސް އޮތެވެ.

ރިޔާސީ ރޭހަށް ނިކުންނެވުމަށް ގާސިމް ނިންމަވާފައިވާއިރު އޭނާ ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީން ނިންމީ ކޯލިޝަން ހަދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވާފައިވަނިކޮށެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.