Last Updated: July 27, 14:36
Saturday, July 27, 2024
ކުޅިވަރު

ޗެލްސީ ބަލިކޮށް ޔުނައިޓެޑް ޗެމްޕިއަންސް ލީގަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ 4-1 އިން ބަލިކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް މެންޗެސްޓާ ޔުނައިޓެޑް ކޮލިފައިވެއްޖެ އެވެ.

ބާކީ މެޗެއް އޮއްވައި ޔުނައިޓެޑުން ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް، ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންކުރީ 37 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ތިންވަނައިގައި އޮތް ޔުނައިޓެޑާ އެކު ޕްރިމިއާ ލީގުން އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރާނީ ލީގު ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ އާއި ދެވަނައިގައި އޮތް އާސެނަލް އަދި ހަތަރުވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑުންނެވެ.

ރޭގެ މެޗުގެ 6 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކަސެމީރޯ ގޯލަށް ވައްދާލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ނަތީޖާ އެއްވަރުކޮށްލަން ޗެލްސީގެ ކައި ހަވެޓްޒް އަދި ކޯނަރ ގަލެގާ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޭޑަން ސަންޗޯ ތަނަވަސްކޮށްދިން ފުރުސަތަކުން އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ޔުނައިޓެޑްގެ ތިންވަނަ ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް ކާމިޔާބުކޮށްދިން އިރު ޗެލްސީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 78 ވަނަ މިނެޓްގައި އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. ޗެލްސީގެ ހަމައެކަނި ގޯލު މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖައޯ ފެލިކްސް އެވެ.

ލީގުގެ ފަހު މެޗުގައި ޔުނައިޓެޑް ބައްދަލުކުރާނީ ފުލަމްއާ އެވެ. ޗެލްސީ ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ.