Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އެންމެ ބޮޑު ޕާޓީ އަށް ޖޭޕީ ހަދާނަން: ނަހުލާ

ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އަށް ޖުމްހޫރީ ޕާޓީ ހަދާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރޭ ހުޅުމާލޭގައި ބޭއްވި "ފުރަވީރުން" އިވެންޓުގައި ވާހަކަދައްކަމުން ނަހުލާ ވިދާޅުވީ ޖޭޕީގެ ލީޑަރާއި، ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން އެކުގައި މަސައްކަތްކޮށްގެން ޖޭޕީ ބޮޑުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އަށް ވެސް ޖޭޕީ ހަދާނެ ކަމަށެވެ.

"ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ޖުމްހޫރީ ޕާޓީ ހަދާނަން." ނަހުލާ ވިދާޅުވި އެވެ.

ރޭގެ އިވެންޓުގައި ވަނީ 2023 މެންބަރުންގެ ފޯމް ގާސިމްއާ ހަވާލުކޮށްފަ އެވެ. އެއީ މުޅިން ވެސް ޒުވާނުން ކަމަށާއި މިއީ ވޭތުވެދިޔަ ހަތަރު ހަފްތާއެއްގެ މަސައްކަތް ކަމަށް ނަހުލާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން ޖޭޕީގައި މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް 22،607 އެބަ ތިއްބެވެ.

ރޭގެ އިވެންޓަކީ ނަހުލާ އިސްނަންގަވައިގެން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި މިއުޒިކްގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިޔައިރު ހަވާ އެރުވުން ވެސް އޮތެވެ.