Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

ސްޕާތައް ހިންގަން ކައުންސިލްތަކަށް ހުއްދަ ދެވޭނެ

ރަށްރަށުގައި ސްޕާތައް ހިންގަން ކައުންސިލްތަކަށް ހުއްދަ ދެވޭ ގޮތަށް ކަނޑައަޅައި ސްޕާތައް ހިންގުމުގެ ގަވައިދު އަނެއްކާ ވެސް ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެ ގަވައިދުގައި މިހާރު ވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ސިޓީ ހޮޓެލާއި ގެސްޓް ހައުސްތަކުގައި ހިންގާ ސްޕާތައް ފިޔަވައި، ރަށްރަށުގައި ސްޕާ ހިންގަން ހުއްދަ ދޭނީ އެ ރަށެއްގެ ކައުންސިލަކުންނެވެ.

ސްޕާތައް ހިންގުމުގެ ގަވާއިދަށް ގެނައި މި އިސްލާހާ އެކި އެ އިއްޔެ ގެޒެޓްކޮށްފައިވާ އިރު މީހުން ދިިރިއުޅޭ ރަށްރަށުގައި ހިންގާ ސްޕާގެ ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީ އަށް ހުއްދައަށް އެދުމުން އެ ރަށެއްގައި އެފަދަ ހިދުމަތެއް ދެވިދާނެތޯ ކަނޑައެޅުމަށް މިނިސްޓްރީގެ ފަރާތުން އެ ރަށެއްގެ ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ. އަދި މިނިސްޓްރީ އިން ހުއްދަ އަށް އެދުމުން އެ ކައުންސިލަކުން ކަނޑައަޅާ ގޮތަކީ، އެ ރަށެއްގައި ސްޕާގެ ވިޔަފާރި ހިންގުމާ ގުޅޭ ގޮތުން ނިންމާ އެންމެ ފަހުގެ ނިންމުން ކަމަށް ވެސް ގަވައިދު ބުނެ އެވެ.

ގަވައިދުގައި ސްޕާތަކުގައި ހުންނަން ޖެހޭނެ މިންގަނޑުތައް ފުރިހަމަވެފައިވޭތޯ ބެލުމަށް އިކޮނޮމިކް މިނިސްޓްރީ އާ މަތިކޮށްފައިވާ މާއްދާ މިހާރު ވަނީ އުވާލައިފަ އެވެ. އަދި މިނިސްޓްރީ އިން ކަނޑައަޅާ ފަރާތަކުން، ސްޕާތަކުގެ އިންސްޕެކްޝަން ކުރިއަށް ގެންދާ ގޮތަށް އިންސްޕެކްޝަންފީ 1000ރ. އިން 2،000ރ. އަށް ބޮޑުކޮށްފައިވެ އެވެ.

މީގެ އިތުރުން ސްޕާގެ ހިދުމަތްދޭ ތަންތަނުގެ ގަވައިދު ހިނގާނީ އިންޓަގްރޭޓޭޑް ޓޫރިޒަމަށް ތަރައްގީކޮށްފައިވާ ތަން ނުވަތަ އެއް ރިސޯޓަށް ވުރެ ގިނަ ރިސޯޓާއި އިތުރު ހިދުމަތްތައް އެއް ތަނަކުން ލިބެން ހުންނަ ގޮތަށް ތަރައްގީކޮށްފައިވާ ތަންތަނުގައި ކަމަށް ގަވައިދުފައި ބުނެފައިވެ އެވެ.