Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ކައިޒީން ކުރާ ދައުވާ މަޑުޖައްސާލަން އަމުރުކޮށްފި

ރާއްޖޭގެ މަޝްހޫރު ސޯޝަލް މީޑިއާ ސެލެބްރިޓީ ކައިޒީން، ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ގުޅިގެން ބައްޕައާ ދެކޮޅަށް ކައިޒީން ސިވިލް ކޯޓުގައި ދައުވާކުރީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި މދިޔަ ފެބްރުވަރީ މަހު އޭނަ ވަނީ ބައްޕަ އިބްރާހީމް އަލިފުޅުގެ ނަމުގައި އޮތް ބޯޓުގެ ރަޖިސްޓްރީ އަމިއްލަ ނަމަށް ބަދަލުކޮށް ދިނުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިފަ އެވެ.

ނަމަވެސް، ކައިޒީން ބައްޕައާ ދެކޮޅަށް އުފުލާފައިވާ ދައުވާގައިވާ މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވުމާ އެކު، ކޯޓުން ވަނީ އިތުރު އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަމަށް ވަނީ ނިންމައިފަ އެވެ.
އަދި އެ އަމުރު އިސްތިއުނާފު ކުރުމަށް ކައިޒީންގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުން، ހައި ކޯޓުގައި ކުރިޔަށްދާ އިސްތިއުނާފު މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދުނެވެ.

ބޯޓުގެ މައްސަލާގައި ކުރިން ކައިޒީން ބުނެފައި ވަނީ އޭނާ ހަވާލުކުރި 3.6 މިލިއަން ރުފިޔާ ބޭނުންކޮށްގެން ބައްޕަ އިބްރާހީމަށް ގަނެދިން ބޯޓު އަމިއްލަ ރުހުމެއް ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެ ފަހަރު ސިވިލް ކޯޓުން ވަނީ ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތް ނިންމަންދެން ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެ ދީފަ އެވެ.

އެ މައްސަލައިގައި އިބްރާހީމްގެ ފަރާތުން ބުނެފައި ވަނީ، ބޯޓު ގަތީކައިޒީންގެ ފަރާތުން އޭނާއާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށާއި ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނާނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށެވެ. އެހެންކަމުން އެ ބޯޓު ގަނެފައި ވަނީ އޭނާ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަން އެނގޭ ކަމަށް ބުނެފައިވެ އެވެ. އަދި
ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާ މެދު އައިސްފައިވާ ހަދީޝަކުން، ދަރިއެއްގެ މުދަލެއް މައިންބަފައިން ބޭނުންކޮށްގެން އެ ފަރާތެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަން ހާމަވާ ކަމަށް އިބްރާހީމް އަލިފުޅުގެ ފަރާތުން ބުނެފައިވެ އެވެ.