Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ނައީމާގެ މަރު: ދެ މީހަކު ހައްޔަރުކޮށްފި

ނައީމާ-

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު، ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ވިދާޅުވީ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން ކަމަަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށްވެސް ވިދާޅުވި އެވެ. އެމީހުންނާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

އަދި މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން ދާ ކަމަށްވެސް ވިދާޅުވި އެވެ.

"މައްސަލަ ތަހުގީގު ކުރުމުގެ ތަޖުތިބާކާރު އިންސްޕެކްޓަރު މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން މިމަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމު ކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަހްރުވެރި ކަމާއެކު ފާހަގަކުރަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ފުލުހުން މީގެކުރިން ބުނީ ނައީމާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުގަނޑުމަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭތީ މަރުގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.