Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ނަޝީދުގެ މަންމަ އާއި ބައްޕަ ޑިމޮކްރެޓްސް ޕާޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަން މަސައްކަތްކުރާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް އެމަނިކުފާނުގެ މަންމާ އާއި ބައްޕަ އެ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

ނަޝީދު ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކު މިހާރު އަންނަނީ ޕާޓީ އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަކުރަން މަސައްކަތް ކުރަމުންނެވެ. މި ޕާޓީ އަށް އަދި ނަޝީދު ސޮއިކުރައްވާފައެއް ނުވެ އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދާއި، ބައްޕާފުޅު އަބްދުއްސައްތާރު އުމަރު ގުޅިވަޑައިގެންނެވީ މިއަދު އެވެ. އެ ދެ ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިސްވެ ތިބެ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި ހިސާބުންނެވެ. އެ ހިސާބުން އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދުކުރައްވާ 12 މެންބަރަކު ޕާޓީން ވަކިވެ ވަނީ އާ ސިޔާސީ ޕާޓިއެއް އުފައްދަވާނެކަން ހާމަކުރައްވާފަ އެވެ.

ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.