Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ނައީމާ މަރައިލަން ބޭނުންކުރި ހަތިޔާރު ހޯދައިފި

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު، ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ ދެ ހަތިޔާރާއި ގާތިލުން ލައިގެން ތިބި އަންނައުނު ހޯދާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ވިދާޅުވީ ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައިވާ ކަމަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުންގެ ހައްޔަރުކޮށްފައިވާއިރު އެމީހުންނާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

އަދި މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން ދާ ކަމަށްވެސް ވިދާޅުވި އެވެ.

"މައްސަލަ ތަހުގީގު ކުރުމުގެ ތަޖުތިބާކާރު އިންސްޕެކްޓަރު މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން މިމަރުގެ ހަގީގަތް ހޯދާ އިންސާފު ގާއިމު ކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަހްރުވެރި ކަމާއެކު ފާހަގަކުރަން،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ފުލުހުން މީގެކުރިން ބުނީ ނައީމާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުގަނޑުމަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭތީ މަރުގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.