Last Updated: April 27, 09:13
Saturday, April 27, 2024
ޚަބަރު

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް އަރުވައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ރަސްމީކޮށް ރިޔާސީ ޓިކެޓް އަރުވައިފި އެވެ.

ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓިކެޓް އެރުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ވަރަށް ކުލަ ގަދަ ރަސްމިއްޔާތެއް ގައެވެ. ނާޒިމަށް ރިޔާސީ ޓިކެޓް އެރުވީ އެމްއެންޕީގެ އާންމު މެމްބަރުންނެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުއްވީ ނާޒިމް އެކަނި ކަމުން އޭނާ އަށް ވަނީ ޓިކެޓް ކަށަވަރުވެފަ އެވެ.

އެންއެމްޕީން އަންނަނީ ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓުގައި ނާޒިމް ވާދަކުރައްވާއިރު އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް ވާދަކުރައްވަ އެވެ. އަދި އިދިކޮޅު ޕީޕީއެމުން ބުނަމުން އަންނަނީ އެ ޕާޓީގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް ޖަލު ހުުކުމެއް އިއްވާފައި އޮތުމުން އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ގިނަ ފަރާތްތަކަކުން ދެކެ އެވެ.