ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން ވަކިކުރަމުންދާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ ވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީއަށް ސޮއިކުރާ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ވަޒީފާތަކުން ވަކިކުރަން ފެށުމުންނެވެ. އެގޮތުން ވަކިކުރަމުން ދަނީ އެމްޑީޕީ އަށް ދީފައިވާ މަގާމުތަކުގައި ތިބެ ޑިމޮކްރެޓްސް ޕާޓީ އަށް ސޮއިކުރާ ފަރާތްތަކެވެ.
ސަރުކާރުގެ މަގާމުތަކުން އިއްޔެ ވެސް ތިން ބޭފުޅަކު ވަކިކުރައްވާފައިވާއިރު މިއަދު ވަނީ އިތުރު ދެ ބޭފުޅަކު ވަކިކުރައްވައިފަ އެވެ. އޭގެތެރެއިން އެއް ބޭފުޅަކީ އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ އެވެ.
ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު މިއަދު ސަރުކާރުން ވަކިކުރެއްވި މުޖުތަބާ އަކީ މުޅި އިސްލާހީ ހަރަކާތުގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށެވެ.
"ރައީސް ސޯލިހު ލަދުފުޅު ނުގަނޭބާއޭ ހިތަށް އަރާ." ނަޝީދު ވިދާޅުވި އެވެ.
ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އަށް ދީފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ 3،000 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ދުވަހެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެ އެވެ.
ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިސްވެ ތިބެ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި ހިސާބުންނެވެ. އެ ހިސާބުން އެމްޑީޕީގައި ތިއްބެވި ނަޝީދަށް ތާއީދުކުރައްވާ 12 މެންބަރަކު ޕާޓީން ވަކިވެ ވަނީ އާ ސިޔާސީ ޕާޓިއެއް އުފައްދަވާނެކަން ހާމަކުރައްވާފަ އެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.