ރައްޔިތުން ފުލުހުންނަށް އިތުބާރުކުރަންޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މ. މަޑުއްވަރީ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސީޕީ ވިދާޅުވީ ކޮމިއުނިޓީ ޕޮލިސިން ފަލްސަފާގެ މައްޗަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށާއި މި ފަލްސަފާގެ މައްޗަށް ބިނާކޮށް ފުލުހުންގެ ޚިދުމަތްދޭއިރު ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އެގޮތަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ރައްޔިތުންނަށް އަދި ރައްޔިތުން ފުލުހުންނަށް އިތުބާރުކުރަންޖެހޭ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި އެކުވެރި މާހައުލެއްގައި ކަންކަމާ މެދު މަޝްވަރާކޮށް މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މ. އަތޮޅުގައިވެސް އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ގޮތުގައި ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމެއް އެކުލަވާލާފައިވާކަން ސީޕީ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ފުލުހުންގެ ޚިދުމަތެއް ރަށެއްގައި އަލަށް ފެށުމަކީ އެރަށެއްގެ ރައްޔިތުންނާ ފުލުހުން ގުޅިގެން މަސައްކަތްކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އަދި ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށާއި ރަށުގެ ރައްޔިތުންގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ސީޕީ ވަނީ މަސްތުވާތަކެތި ފަދަ ބޮޑެތި ކުއްތައް މަދުކުރުމަށް ރަށްރަށުގެ ކައުންސިލުތަކާ ގުޅިގެން މަސައްކަތްކޮށްދިނުމަށް މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ވަސީލަތްތައް މަދު ނަމަވެސް ރަށު ފެންވަރުގައި އައު އުކުޅުތަކާއި އައު ވިސްނުންތައް ބޭނުންކޮށްގެން ކައުންސިލުތަކާ އަދި އެ ނޫންވެސް ގުޅުންހުރި ފަރާތްތަކާ ގުޅިގެން ފުލުހުން އަދާކުރަންޖެހޭ ގާނޫނީ ވާޖިބު އަދާކޮށްދެއްވުމަށް އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.