Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

މަޖިލީހަށް ހާޒިރުވެ ޖަވާބުދާރިވާން ފުރުސަތު ދޭން އެދިވަޑައިގެންފި

ބަންޑާރަނާއިބު އިބްރާހިމް ރިއްފަތު - ފޮޓޯ: އޭޖީ

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރިވެ ވަޑައިގަތުމަށް ފުރުސަތު ދެއްވުމަށް ބަންޑާރަނައިބް އިބްރާހީމް ރިފްއަތު އެދިވަޑައިގެންފި އެވެ.

މިދިޔަ ބުދަ ދުވަހަށް އެޖެންޑާ ކުރި އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުގައި ވާހަކަ ދެއްކެވުމަށް މަޖިލީހަށް ހާޒިރުވުމުގެ ބަދަލުގައި ރިއްފަތު ވަނީ ލިޔުމުން ޖަވާބު ހުށަހަޅުއްވާފަ އެވެ. އެ މައްސަލައިގައި މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދުސްތޫރީ ލަފައެއް ހޯއްދެވުމަށް ހުށަހަޅުއްވާފަ އެވެ.

މަޖިލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ރިފްއަތު ވިދާޅުވީ ލިޔުމުން ޖަވާބުދާރީވެވަޑައިގެންނެވީ އެެ މައްސަލާގައި ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާތީ އެކަން އެންމެ ތަފްސީލީ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުންނެވެ. ނަމަވެސް އެ ހައްގު ވެސް މަޖިލީހުން ފޯރުކޮށްދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ރިއްފަތު ވަނީ މަޖިލީހަށް މި މައްސަލަ ދެން އެޖެންޑާ ކުރާ ދުވަހަކުން އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ޖުމުލަ 13 މެންބަރުން ސޮއި ކޮށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގަ އެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގައި މިވަގުތު ތިބީ އެމްޑީޕީގެ 55 މެންބަރުން، ވަކި ޕާޓީއަކަށް ނިސްބަތްނުވާ 17 މެންބަރުން، ޕީޕީއެމްގެ 5 މެންބަރުން، ޕީއެންސީގެ 3 މެންބަރުން، އެމްއެންޕީގެ 3 މެންބަރުން، ޖޭޕީގެ 2 މެންބަރުން އަދި އެމްޑީއޭގެ 2 މެންބަރުނެވެ.