Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

އެއްކޮށްލި ދެ އެޕާޓްމެންޓް އަތުލުން ހުއްޓުވަން އަމުރެއް ނުދިން

ހުޅުމާލޭގެ ފޭސް ދޭއްގެ ހިޔާ އިން ދޫކުރި ދެ ފްލެޓެއް އެެއްކޮށްލައި އެއް އެޕާޓްމަންޓަކަށް ހެދި މައްސަލާގައި އެތަން އަނބުރާ ހޯދަން ނިންމާފައިވާ ނިންމުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ދެ ފްލެޓް އެއްކުރި މައްސަލައިގައި އެތަން އަތުލަން ނިންމީ ކުރިން ހުރި ގޮތަށް ތަން އިޔާދަކުރަން ދިން މުހުލަތުގެ ތެތޭގައި އެކަން ނުކުރުމާއި ދެ ފްލެޓްގެ ވެރިން 200،000ރ. ކުރި ޖޫރިމަނާ ވެސް ނުދެއްކުމުންނެވެ. އެހެންވެ އާބަންކޯ އިން ފަހުން އެންގީ 14 ދުވަހުގެ ތެރޭގައި ތަން ހުސްކޮށް، މާދަމާ އެތަން ހަވާލުކުރުމަށެވެ.

އެ މައްސަލާގައި އެއްކޮށްލި ފްލެޓްގެ ވެރިން ވަނީ ތަން އަތުލުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ސިވިލް ކޯޓުގެ ނިންމުމުގައިވަނީ ކަން ހިނގި ގޮތަށް ބަލާއިރު ފްލެޓްތަކުގެ ވެރިފަރާތްތަކުގެ ހިމާޔަތް ކުރަންޖެހޭ ހައްގެއް މިވަގުތު ފެންނަން ނެތް ކަމަށެވެ. އަދި އެ އަމުރަށް އެދިފައިވަނީ ފްލެޓް އެއްބަސްވުމާއި އެއްމެދު އިމާރާތުގެ ގާނޫނާ އެނގި ހުރެ ހިލާފަށް ކަންކަން ކުރުމަށްފަހު ކަމަށްވާތީ ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު އެ ފަރާތްތަކަށް ލިބިގެން ނުވާ ކަމަށްވެސް ބުނެފަ އެވެ.

އާބަންކޯ އިން ބުނީ ކޯޓަށް ހުށަހެޅި ނަމަބެސް ކުންފުނީގެ ނިންމުން ބަދަލެއް ނުވާނެ ކަމަށެވެ. އަދި ހިޔާ ފްލެޓް ހަވާލުކުމުގައި ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި މަނާ ކަމެއް ކުރުމުގެ ސަބަބުން އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައި ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.