Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ގާސިމުގެ ޓިކެޓް ޖަލްސާގައި 4،000 މީހުން ބައިވެރިވާނެ

ގާސިމް އިބްރާހިމް - ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެރުވުމަށް ބާއްވާ ޖަލްސާގައި 4،000 މީހުން ބައިވެރިވާނެ ކަމަށް ޖޭޕީން މިއަދު ބުނެފި އެވެ.

ޕްރައިމަރީއަކާ ނުލައި ގާސިމް ޓިކެޓް ކަށަވަރު ކުރެއްވިއިރު އެމަނިކުފާނަށް ޓިކެޓް އެރުވުމުގެ ޖަލްސާ އޮންނާނީ މާދަމާ ރޭ ކާނިވާ ސަރަހައްދުގަ އެވެ.

އެ ޖަލްސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މި ޖަލްސާގައި ގާތްގަނޑަކަށް 4،000 މީހުން ބައިވެރިވާނެ ކަމަށާއި މި އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިއީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޖަލްސާ އަށް ވެގެންދާނެ ކަމަށާއި މި ޖަލްސާގައި ތަފާތު އެކި ކަންކަން ފެނިގެންދާނެ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.

"ރިޔާސީ ޓިކެޓެއް އެރުވުމަށްޓަކާ ބޭއްވާ އެންމެ ފުރިހަމަ، އެންމެ އާދަޔާ ހިލާފު އެއް ޖަލްސާ އަށް މި ޖަލްސާ ވެގެންދާނެ." ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ މި ޖަލްސާ އަށް އަތޮޅުތެރޭގެ ރަށްތަކުން މީހުން ނުގެންނާނެ ކަމަށާއި ނަމަވެސް ރަށްތަކުގައި ތިބި ޖޭޕީގެ ބައެއް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން ޖަލްސާގައި ބައިވެރިވާނެ ކަމަށެވެ. އަދި މޫސުން ތަންދޭ ނަމަ މާލެއާ ކައިރި ހިސާބުތަކުން އަމިއްލަ ގޮތުން ބަޔަކު އަންނަކަން އެނގިފައި ނުވާ ކަމަށާއި އެފަދަ އިންތިޒާމެއް ޖޭޕީން ހަމަޖައްސާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ ރޭހަށް ނިކުންނެވުމަށް ގާސިމް ނިންމަވާފައިވާއިރު އޭނާ ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.