Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނަޝީދަކީ ޖޭޕީގެ ގާތް ރައްޓެއްސެއް: އިލްހާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަކީ ޖުމްހޫރީ ޕާޓީގެ ގާތް ރައްޓެއްސެއް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީއާއި ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން މީގެކުރިން މަޝްވަރާތަކެއް ބޭއްވި ނަމަވެސް އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ވަނީ ނިމިގެން ގޮސްފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްހާމް ވިދާޅުވީ ނަޝީދާއި އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އަދި ވާހަކަ ނުދެއްކޭ ހާލަތަށް އެއްވެސް ކަމެއް ނުދާ ކަމަށެވެ. އަދި ނަޝީދާއެކު ވާހަކަ ދެއްކުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި އެ ޕާޓީގެ ލީޑަރަށާއި ޕާޓީގެ މެމްބަރުންނަށް ވެސް އެއްބަސްނުވެވެނީ ވަކި ކަމެއްގައި ކަމަށެވެ. އެއީ ބަރުލަމާނީ ނިޒާމާ ގުޅޭ ވާހަކަތައް ކަމަށް ވިދާޅުވި އެވެ.

"ރައީސް ނަޝީދާއި އަޅުގަނޑުމެންނާ ގުޅުން ކެނޑިގެނެއް ނުދޭ. ރައީސް ނަޝީދާ އަޅުގަނޑުމެންނާ ދައްކާ ވާހަކަތައް އަދިވެސް ދާނީ ކުރިއަށް. އަދި އެެހެން ސިޔާސީ ޕާޓީތަކާއެކު ވެސް އަޅުގަނޑުމެން ދައްކަމުން އަންނަ ވާހަކަތައް ކުރިއަށްދަނީ." އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ނަޝީދާއެކު ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ވެސް ތައްޔާރަށް ޖޭޕީ އޮތް ކަމަށެވެ.

"ރައީސް ނަޝީދަކީ ޖޭޕީގެ ވަރަށް ގާތް ރައްޓެއްސެކޭ މިއަދު ވެސް. އެމަނިކުފާނު މި ގައުމަށް ކުރެއްވި ހިދުމަތް ވެސް އަޅުގަނޑުމެން ބަލައިގަންނަން." އޭނާ ވިދާޅުވި އެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމަށް އެރުވުން މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.