Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރުން: އީވާ

މެންބަރު އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުވާފައިވަނީ ސަރުކާރުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ އެޖެންޑާ އިން އެ މައްސަލަ މިހާރު ވަނީ ނަގައިފަ އެވެ. އެ މައްސަލަ އެޖެންޑާ އިން ނެގީ އެ މައްސަލައިގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ނުނިންމައި އޮތުމުން ކަމަށް ބުނެ އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އީވާ ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި އޮއްވާ އެހެން މަސައްކަތެއް ކުރަން މަޖިލީހުގެ ގަވާއިދު ޖާގަ ނުދޭ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި ސަރުކާރު ގުޅިގެން މި މައްސަލަތައް އެކު އެކީގައި ވެއްދީ ގަސްދުގައި މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.

"ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮވެގެން ގަސްދުގައޭ ރިޔާސީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައި އޮއްވާ މަޖިލިސް އެ ޑެޑްލޮކަކަށް އެ ގެންދިޔައީ." އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަކީ ތަޖުރިބާ ހުރި ސިޔާސީ ދެ ބޭފުޅުން ކަމަށާއި މިކަން މިގޮތަށް ކުރީ އޮޅިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެނގި ހުރެ ރިޔާސީ އިންތިހާބުގެ ތިން މަސް ދުވަސް ކުރިން މަޖިލިސް ޑެޑްލޮކަކަށް އެ ގެންދިޔައީ ކަށަވަރު ކުރަން ވެގެން ރައްޔިތުންގެ މަޖިލީހަށް ދެން ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެކަން. އެއަށް ވުރެ ރަނގަޅު ހާލަތެއް ނެތް ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރަން ބޭނުންވާ ސަރުކާރަކަށް." އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ ވަކިކުރަންް ހުށަހެޅީ 50 މެމްބަރުންގެ ސޮޔާ އެކީގަ އެވެ. އަދި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަ ވެއްދީ 54 މެމްބަރުންގެ ސޮޔާއެކު އެވެ.