ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދުރުކުރިޔަސް "އޯކޭ" ކަމަށް އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ އެޖެންޑާ އިން އެ މައްސަލަ މިހާރު ވަނީ ނަގައިފަ އެވެ. އެ މައްސަލަ އެޖެންޑާ އިން ނެގީ އެ މައްސަލައިގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ނުނިންމައި އޮތުމުން ކަމަށް ބުނެ އެވެ.
މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އީވާ ވިދާޅުވީ މަގާމުން ދުރުކުރިޔަސް އޯކޭ ކަމަށާއި މެމްބަރު ކަމުގެ ދައުރު ނިމެން ގާތްވެފައިވާއިރު އަންހެނަކަށް އެ މަގާމު އަދާކުރުމުގެ ފުރުސަތު ލިބުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި މަގާމުން ދުރުކުރަން އުޅެނީ އޭނާ ގަބޫލުކުރާ އުސޫލުތަކާއި ހިލާފަށް ހިންގާ ޕާޓީއެއް ދޫކޮށްލުމުން ކަމަށާއި އެގޮތުން އެމްޑީޕީ މިއަދު ހިންގަމުން ދަނީ އެ ޕާޓީ އުފެއްދި މަގުސަދުތަކާއި ހިލާފަށް ކަމަށް އީވާ ވިދާޅުވި އެވެ.
"އެކަމަކު އެ މައްސަލައިގައި ބުނަނީ އެމްޑީޕީގެ ގަވާއިދާ ހިލާފުވުމުންނޭ. އެއީ މުޅި މި ނިޒާމަށް ދެވޭ ގެއްލުމެއް." އީވާ ވިދާޅުވި އެވެ.
މި ވާހަކަތައް ދައްކަނީ އެއްގޮތަކަށް ވެސް މަގާމުން ދުރުކުރަން އުޅޭތީ ނޫން ކަމަށާއި އެމްޑީޕީގައި މެޖޯރިޓީ އޮތުމުން އެކަން ކުރާނެ ކަމަށް އީވާ ވިދާޅުވި އެވެ.
އެމްޑީޕީ ދޫކޮށްލުމަށްފަހު އީވާ ގުޅިވަޑައިގެންނެވީ ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" އަށެވެ. އެ ޕާޓީއަށް އީވާއާއެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި އިތުރު 12 މެމްބަރަކު ގުޅިވަޑައިގެންފައިވެ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ ވަކިކުރަންް ހުށަހެޅީ 50 މެމްބަރުންގެ ސޮޔާ އެކީގަ އެވެ.