Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ނަޝީދުގެ ސިކުނޑި ރަނގަޅުހެން ހީއެއް ނުވޭ

ރައީސް ނަޝީދާއި ރޮޒެއިނާ - ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ސިކުނޑި މިހާރު ރަނގަޅުހެން ހީނުވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ނަޝީދު މަޖިލިސް ކުރިއަށް ގެންދަވާ ގޮތާއި މެދު އެމްޑީޕީގެ މެމްބަރުންގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާއިރު ބައެއް މެމްބަރުންނަށް ނަޝީދު އިންޒާރު ދެއްވާ ކަމުގެ ތުހުމަތުތަކުގެ އަޑުވެސް އަންނަނީ ގަދަވަމުންނެވެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ ނަޝީދު މަޖިލިސް މިހާރު ކުރިއަށް ގެންދަވަނީ އެމަނިކުފާނަކީ މަޖިލީހުގެ ގަވާއިދު ކަމަށް ބަލައިގެން ކަމަށާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ވެސް ވީގޮތެއް މިހާރު ނޭނގޭ ކަމަށެވެ. އެ މައްސަލަ އަށް ގޮތެއް ނުނިމި ވަންތަނެއް ވެސް ނޭނގޭ ކަމަށާއި އެކަމާ ސުވާލުކުރުމުން ސައި ކޮޓަރީގައި ބާޒާރު މަތީގައި މީހުންނާއި މެދު އަމަލުކުރާ ގޮތަށް އޭނާއާ މެދު ނަޝީދު އަމަލުކުރައްވާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އަޅުގަނޑާއި ފޮށި، މަލާމާތްކޮށް، އެއްޗެހި ކިޔާ މިގޮތަށް އަމަލު ކުރެއްވީ. ނަޝީދުގެ އަމަލުތައް މިހާރު ހުންނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުވެރި ކަމަކަށް ދަރަޖައިގައި." ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ ނަޝީދު ސައި ކޮޓަރި ތެރެއަށް ވަޑައިގަންނަވާ ގަޑިއެއްގައި އެތަނަށް ވަންނަން ވެސް މިހާރު ބައެއް މެމްބަރުން ބޭނުން ނުވާ ކަމަށެވެ. އެގޮތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއާ ދިމާލަށް ވެސް "ދަތްޕިލަ ދުވައްލާނަމޭ" ނަޝީދު ވިދާޅުވެފައިވާކަން ރޮޒެއިނާ ހާމަކުރެއްވި އެވެ. އަދި ކުރިން ދުވަހެއްގައި މަޖިލިސް ފެށުމުގެ ކުރިން ފަހަރަކު މޭޒެއް ކައިރި އަށް ވަޑައިގެން މެމްބަރުންނަށް ނަޝީދު ބިރު ދެއްކެވި ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑަކަށް ހީއެއް ނުވޭ އެއްގޮތަކަށް ވެސް ސިކުނޑި ރަނގަޅު ހެނެއް. ދެން އަޅުގަނޑަކަށް ނޭނގޭ ކޮން ޕްރޮސީޖާއަކުން ކަމެއް މިކަން ބަލާނީ. ގާނޫނު އަސާސީގައި ވެސް ޝަރުތުކޮށްފައި އޮވޭ ބުއްދި ސަލާމަތުން ހުރި މީހަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސަކަށް ހުންނަ މީހަކީ. ރައީސްގެ ބުއްދި ސަލާމަތުން ހުރިތޯ ނޫންތޯ ބަލަނީ ކޮންތާކުން ކަމެއް މާބޮޑަކަށް ޔަގީނެއް ނޫން. އެކަމަކު މިހާރު ބަލަން ޖެހިފައި އޮތް ކަމެއްކަން އެނގެނީ." އޭނާ ވިދާޅުވި އެވެ.

ނަޝީދު މަޖިލިސް ކުރިއަށް ގެންދަވާ ގޮތާއި މެދު ހިތްހަމަނުޖެހި 54 މެމްބަރުންގެ ސޮޔާއެކު އެމަނިކުފާނު އެ މަގާމުން ދުރުކުރަން މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.