Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ރައްޔިތުން ރައީސަށް ދެވަނަ ދައުރެއް ދޭނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރަން ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެމްޕެއިންގެ ހަރަކާތްތައް ރާއްޖޭގެ އެކި ރަށްތަކުގައި ފެށިގެން ކުރިއަށްދާއިރު ޝާހިދު އިއްޔެ ވަނީ ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ހދ. ކުޅުއްދުފުށީ ދާއިރާގެ ރިޔާސީ ކެމްޕޭން ޓީމާ ބައްދަލުކޮށް ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ މަޝްވަރާ ބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުފާ ފާގަތިކަމުގެ ދެވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިހާބު ކުރަން ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ދާދިފަހުން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދައެއް ނަގާފައިވާއިރު ޕޯސްޓަރު ހަރުކުރުމާއި އެމްޑީޕީ އަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތުގެ ތެރެއިން އެމްޑީޕީ އަށް 2،500 މެމްބަރުން ވަނީ އަލަށް ގުޅިފަ އެވެ.

މީގެއިތުރުން މި ހަރަކާތްތަކުގެ ތެރެއިން ރިޔާސީ އިންތިހާބަށް އެމްޑީޕީން ތައްޔާރު ކުރާ މެނިފެސްޓޯ އަށް މައުލޫމާތު އެއްކުރުން ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު ކަށަވަރު ކުރެއްވީ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ.

ޕްރައިމަރީން ބަލިވެވަޑައިގަތުމުން ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އެމްޑީޕީގެ ތެރޭގައި ހަދާފަ އެވެ. އެ ފެކްޝަނުގެ ބޭފުޅުން މިހާރު އަންނަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އުފައްދަން މަސައްކަތް ކުރާ ޕާޓީ އަށް ސޮއިކުރަމުންނެވެ.