Last Updated: October 23, 10:58
Wednesday, October 23, 2024
ޚަބަރު

އިއްތިހާދު ހަދަން ޖެހުނު ބަޔަކާ އެކީ އެކަން ކުރާނަން

މެންބަރު އީވާ އަބްދުﷲ- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރުމަށް އިއްތިހާދު ހަދަންޖެހުނު ބަޔަކާއެކު އިއްތިހާދު ހަދަން ތައްޔާރަށް ތިއްބެވިކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވި 15 މެންބަރަކު އެ ޕާޓީ ދޫކޮށްލާފައިވާ ކަމަށާއި ރައީސް ނަޝީދުވެސް އެމްޑީޕީ ދޫކޮށްލައްވާފައިވާ ކަމަށެވެ. ރައީސް ނަޝީދަށް އޮތީ މާ ފާގަތި މާދަމާއެއް ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށްވެސް އީވާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ކޮށްދެއްވަން ހުރި މަސައްކަތްޕުޅާއި ހިދުމަތްތައް ވަކި ސިޔާސީ ޕާޓީއަކާ ހަމައިގައި ހުއްޓިފައި ނޯންނާނެކަން އެކަމުން އެނގިގެންދާ ކަމަށެވެ.

"އަޅުގަނޑަށް ދެން އެނގޭ ހަގީގަތަކީ މިއީ އެމްޑީޕީގެ ނިމުން. މިއީ އެމްޑީޕީގެ ނިމުން." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި އަންނަ އަހަރު މިދުވަސްކޮޅު އެމްޑީޕީ އޮންނާނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޗެއާމަންކަމުގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ޑީއާރްޕީވެސް އެންމެ ފަހު ދުވަސްވަރު އޮތީ ޖާބިރުގެ ޗެއާމަންކަމުގެ ދަށުގައިކަން އީވާ ފާހަގަކުރެއްވިއެވެ.

ދެވަނަ ދައުރެއްގެ ވާހަކަ ރައިސް ސޯލިހް ދެއްކެވުމުގެ ބޭނުމެއްނެތްކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ފެށިއިރުވެސް ރައީސް ސޯލިހަށް ތާއީދު ނެތްކަމަށާއި އަދި މިހާރު އޮތް ޕާޓީވެސް ބައިބައިވެފައިވާ ކަމަށެވެ. ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ "ފައިސާ ބައްސަވައިގެން"ވެސް ދެން ތާއީދު ނުހޯދޭނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބަޗާނެ އިނގޭތޯ. މަގުމަތިވާނީ ފަހަތުން މި އުޅުއްވާ ބޭފުޅުން." އީވާ ވިދާޅުވިއެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވާ އީވާ ވިދާޅުވީ ޑިމޮކްރޭޓްސްއިން ތިބީ މިވެރިކަން ބަދަލުކުރުމަށް އިއްތިހާދުވާންޖެހުނު މީހަކާއެކީ އިއްތިހާދު ވެގެން ރައިސް ސޯލިހްގެ ވެރިކަން ބަދަލުކުރުމަށް ކަމަށެވެ.