Last Updated: May 28, 08:58
Wednesday, May 28, 2025
ޚަބަރު

ޔާމީން ޖަލުގައި އޮންނަން ތާއީދެއް ނޫން: އަލީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވަން ތާއީދު ނުކުރައްވާ ކަމަށާއި ދޫނިދޫ ރިސޯޓަކަށް ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދަށް ކުރެވުނު ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުތަކުން ސަލާމަތްވެގެން މިއަދު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ވިދާޅުވީ ޔާމީން ޖަލުގައި އޮތުމަކީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމަކީ ވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"މި ދޫނިދޫ އެބަޖެހޭ ރިސޯޓަކަށް ހަދަން. ކީއްކުރަންތޯ ދޫނިދޫ އެހެން ބަހައްޓާފައި އެތަނަށް މީހުން ލައިގެން މިކުރަން ކުރަންވީ. ދޫނިދޫ ރިސޯޓަކަށް ހަދަން ވައުދުވާ ވެރިއަކަށް ކަންނޭނގޭ އަޅުގަނޑު ތާއީދު ކުރާނީ،" އަލީ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީއަކުން ފެންނާނެ ކަމަށެވެ. ނަމަވެސް ފެންނާނެ ވަކި ޕާޓީއެއް އަދި ތާއީދުކުރާނެ ކެނޑިޑޭޓެއްގެ ނަން ހާމަ ނުކުރައްވަ އެވެ. އަދި މިވަގުތު ސިޔާސީ މަސައްކަތަށް ވުރެ ބޮޑަށް ވިސްނުން ހުރީ ފުޓްބޯޅައިގެ ތެރޭގައި އުޅެން ކަމަށްވެސް ވިދާޅުވި އެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ. އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތްތައް މިހާރު ހައިކޯޓުގައި ވަނީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.

ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާއިރު އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ވެސް އެމަނިކުފާނަށް ވަނީ ދައުވާތަކެއްކޮށްފަ އެވެ. އެ މައްސަލައިގައި ޔާމީނަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.