Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

އަދިވެސް އުދަ އަރާފާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި

ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ޤައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މޫސުން ލަފާކޮށް ނެރެފައިވާ ޙަބަރުގައި ބުނެފައިވަނީ މިމަހުގެ 1 އިން ފެށިގެން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާފާނެ ކަމަށް ލަފާ ކުރަމުން ގޮސްފައިވާ ކަމަށެވެ. އަދި އީއްޔެ މެދު ރާއްޖެ ތެރެއާއި ދެކުނުގެ ބައެއް ރައްތަކަށް އުދަ އަރާފައިވާ ކަމަށް އެއިދާރާއިން ބުނެއެވެ. އެގޮތުން އުދަ އެރީ ބޮޑު ދިޔަވަރުގައި އޮޔާއި ވަޔާއިއެކު ރާޅު ބާނީގެ އުސްމިން 6 ފޫޓާއި 8 ފުޓާއި ދެމެދު އުފުލުމުންނެވެ.

"ކުރިއަށް އޮތް 24 ގަޑިއިރުވެސް، ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރައްތަކަށް އުދަ އަރާނެ. ވީމާ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވުމަށް ދަންނަވަން" މެޓް އޮފީހުން ބުނިއެވެ.

ހއ. އިން ފެށިގެން ޅ. އަތޮޅާއި ހަމައަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާ ގަޑިއަކީ މިއަދު 14:53 ހާއިރުއެވެ. އަދި އެންމެ ތިރި ވާނީ މިރޭ 9:35 ގައެވެ. މެދު ރާއްޖެތެރެއަށް، އެއީ ކ. އަތޮޅުން ތ. އަތޮޅާއި ހަމައަށް ދިޔަވަރު އެންމެ ބޮޑުވާ ގަޑިއަކީ 15:46 ގައެވެ. އެންމެ ތިރިވާނީ 22:14 ގައެވެ. ރާއްޖޭގެ އެންމެ ދެކުނުން ލ. އަތޮޅުން އައްޑޫއާއި ހަމައަށް، ދިޔަވަރު އެންމެ ބޮޑުވާނީ 16:42 އާއި ހަމައަށެވެ. އެންމެ ތިރި ވާނީ 23:01 ގައެވެ.


ރާއްޖޭގެ މޫސުމަަށް ބަލާއިރު އުތުރުގެ ބައެއް ރައްތަކަށް މިމަހު އާންމުކޮށް ވާރޭ ވެހޭ ވަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވިއަސް، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނީ މިމަހުން އާންމުކޮށް ވެހޭ ވަރަށް ވުރެ މަދުން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިގަޑިތަކުގައި ދަތުރުފަތުރު ކުރާ ފަރާތްތަކުން އަދި މޫދު ކައިރީ ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ގުޅޭ މުޢައްސަސާތަކުން ވަނީ އިރުޝާދު ދީފައެވެ.