Last Updated: May 8, 20:35
Wednesday, May 8, 2024
ޚަބަރު

އައްޑޫގައި ކުނިން ހަކަތަ އުފައްދާ ޕްލާންޓް ނިމެނީ

އައްޑޫގައި ގާއިމުކުރަމުން އަންނަ ކުނިން ކަރަންޓް އުފައްދާ ޕްލާންޓްގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ބޭނުން ކުރަން ފަށާނެ ކައުންސިލުން ބުނެފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއާ ބެހޭ ގޮތުން ކައުންސިލުން ބުނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ލިންކް ރޯޑް އާރޭފް ސަރަހައްދުގައި ހުންނަ މަރުކަޒީ އިންޖީނުގޭގެ ކުރިމަތިން އޮތް ބިމުގައި ގާއިމުކުރާ ޕްލާންޓް މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށެވެ.

އެހެންވެ އަންނަ މަހުގެ ތެރޭގައި އެ ބޭނުން ކުރަން ފަށާނެ ކައުންސިލުން ބުންޏެވެ.

މިއީ ރައްކާތެރި ގޮތުގައި ކުނި ނައްތާލައި ކުނީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ހިންގާ މަޝްރޫއެކެވެ. އެގޮތުން އައްޑޫގައި ގާއިމުކުރަމުން އަންނަ ކުނިން ހަކަތަ އުފައްދާ ޕްލާންޓަކީ ރާއްޖޭގެ ފުރަތަމަ "ވޭސްޓް ޓު އެނަޖީ" މަޝްރޫއު އެވެ. މީގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. "ވޭސްޓް ޓު އެނާޖީ ޕްލާންޓް" އަކީ ގްރީން ޓެކްސް ފަންޑުގެ ހަރަދުގައި ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. އެގޮތުން ބަޖެޓުގައި މި މަޝްރޫއު އަށް 16 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އައްޑޫގައި ކުނިން ހަކަތަ އުފައްދާ ނިޒާމަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އަދި އެއިން 1.5 މެގަވޮޓްގެ ކަރަންޓު އުފައްދާނެ އެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއެންޓީ85 އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެއިން އުފައްދާ ކަރަންޓްގެ ތެރެއިން އެއް މެގަވޮޓް އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓްދޭން ފެނަކައިގެ މަރުކަޒީ އިންޖީނުގެއަށް ފީޑްކޮށްދޭނެ ކަމަށާއި ބާކީ 500 ކިލޯވޮޓް ބޭނުން ކުރާނީ ފެސިލިޓީގެ ބޭނުންތަކަށް ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި ޕްލާންޓް ބޭނުން ކުރަން ފެށުމާ އެެކީ އައްޑު އަށް ދިމާވެފައިވާ އޮތް އެންމެ ބޮޑު އެއް މައްސަލައިގެ ތެރޭގައި ހިމެނޭ ކުނީގެ މައްސަލަ އަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.