Last Updated: May 8, 11:37
Wednesday, May 8, 2024
ޚަބަރު

އައްޑޫ ބިން ހިއްކައި ނިމިއްޖެ

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢު ތެރެއިން ހިތަދޫ ޒޯން 1 ހިއްކުން / ފޮޓޯ: އައްޑޫލައިވް

ޖުމްލަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ބިން ހިއްކުމުގެ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަނީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުނިންނެވެ. މި މަޝްރޫޢުގެ ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މި ޖޫން މަހުގެ 03 ވަނަ ދުވަހުއެވެ. މަސައްކަތް ފައްޓަވައި ދެއްވީ ރައީސް އިބްރާޙިމް މުހައްމަދު ސާލިޙްއެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ، ހިއްކާ ސަރަހައްދު ވަނީ ދެ ޒޯނަކަށް ބެހިފައި.
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށް ވަނީ ހިއްކާފައި
* މަޝްރޫއަށް 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެ

މި މަސައްކަތުގެ މައުލޫމާތު ދެއްވަމުން އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓާއި ހަވާލުވެގެން ހުންނެވި ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤް ވިދާޅުވީ، މިމަޝްރުޢުގެ ދަށުން ހިއްކަން ނިންމާފައިވާ ހުރިހާ ސަރަހައްދެއް މިހާރު ހިއްކައި ނިމިފައިވާ ކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުނު ކަމުގައިވިއަސް، ހިއްކި ސަރަހައްދުތައް ހިމާޔަތް ކުރުމަށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ރައީސް ފައްޓަވައި ދެއްވަނީ- ފޮޓޯ: ރައީސް އޮފީސް

މިމަޝްރޫޢުގެ ދަށުން 11 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިލަ ޖެއްސުމަށް ވަނީ ހިމެނިފައެވެ. މި ހުރިހާ މަސައްކަތެއް ނިންމައި މުޅި މަޝްރޫޢު އެއްކޮށް ވެން އޫޑް ކުންފުނިން ނިންމާލަން ހަމަޖެހިފައިވަނީ މިއަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ވަޢުދުތަކުގެ ހިމެނޭ މިމަޝްރޫޢުއަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް މަޝްރޫޢުއެވެ. އަދި މި މަޝްރުޢޫގެ ސަބަބުން ކުރިއަށް އޮތް 50 އަހަރަށް އައްޑޫއަށް ބޭނުންވާ ބިން ހިއްކިގެން ދާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ޤަބޫލު ކުރެއެވެ.

މިމަޝްރޫޢުގެ އިތުރަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން އައްޑޫގެ ވަކިން އޮތް ހުޅުމީދޫގެ ދެ ރަށް ހިއްކައި ހުޅުމީދޫން ބިން ހިއްކައި، ހުޅުމީދޫން ކައިރިން ފަތުރުވެރިކަމަށް ހާއްސަކޮށްގެން 5 ހެކްޓަރުގެ އިތުރު ދެ ރިސޯޓު ރަށް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ފެށޭނެ ތަރީހެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.