Last Updated: April 19, 10:45
Friday, April 19, 2024
ތާރީޚް

މަރަދޫ ބޮޑަގޭގައި ދާރުލްއާސާރެއް ގާއިމު ކުރަނީ

މަރަދޫގައި ހުންނަ ތާރީހީ ދުވަސްވީ އިމާރާތެއް ކަމަށްވާ "ބޮޑަގެ" ގައި ދާރުލްއާސާރެއް ގާއިމު ކުރން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މި ގޮތަށް ނިންމާފައި ވަނީ މަރަދޫ ދާއިރާގެ ކައުންސިލަރު އަދި އައްޑޫ ޑެޕިއުޓީ މޭޔަރު ކައުންސިލަށް ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެންނެވެ.

އެ ހުށަހެޅުމާ ބެހޭ ގޮތުން ކައުންސިލްގެ 28 ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމާފައި ވަނީ ބޮޑަގޭގައި ދާރުލްއާސާރެއް ގާއިމު ކުރުމަށެވެ. އެ ގޮތަށް ނިންމީ ޑިސެމްބަރު 11، 2014 ގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

އެގޮތުން އެ ބައްދަލުލުވުމުގައި ވަނީ ދާރުލްއާސާރު ގާއިމު ކުރަން ބޭނުންވާ ފައިސާ ވެސް ކައުންސިލްގެ މި އަހަރުގެ ބަޖެޓްގައި ހިމަނައިފަ އެވެ.

ކައުންސިލުން ބުނީ ދާރުލްއާސާރު ގާއިމު ކުރަން 500،000ރ. އާއި 1،000،000ރ. ގެ އަދަދެއް ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ދާރުލްއާސާރު ގާއިމު ކުރަން ނިންމާފައި ވަނީ އައްޑޫގެ ތާރީހާއި ސަގާފަތް ވީހާ ވެސް ބޮޑަށް ފެންނާނެ ގޮތަކަށް ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ ކުރިން މަރަދޫ ބޮޑަގޭގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ހުޅުވަން ވެސް މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

އެހެން ނަމަވެސް 2008 ވަނަ އަހަރު ކުތުބާހާނާ އިން ފެށި އެ މަސައްކަތް ކުރިއަށްދާ ގޮތެއް ނުވި އެވެ.

މަރަދޫ ބޮޑުމަގުގައި ހުންނަ ބޮޑަގެއަކީ އައްޑޫ ބަޣާވާތުގެ ދުވަސްވަރު އައްޑޫ ޓްރޭނިން ކޯޕަރޭޝަން ހިންގި އިމާރާތެވެ. އަދި އެއީ ކުރިން އެ ރަށުގެ ބޮޑު މަދަރުސާ އާއި ރަށު އޮފީސް ހިންގުމުގެ އިތުރުން ސިނަމާއެއްގެ ގޮތުގައި ވެސް ބޭނުންކޮށްފައިވާ އިމާރާތެކެވެ.