Last Updated: May 2, 19:20
Thursday, May 2, 2024
ޚަބަރު

ޖަޕާނުގެ ޓޫރިސްޓަކު ރާއްޖެ އަށް 103 ފަހަރު

ޗުއްޓީ ހޭދަކުރަން ރާއްޖެ އަށް 103 ފަހަރު ޒިޔާރަތްކުރި ޖަޕާންގެ ޓޫރިސްޓަކަށް ޓޫރިޒަމް މިނިސްޓްރީން މަރުހަބާ ކިޔައި، އޭނަ އަށް ހަނދާނީ ހަދިޔާއެއް ދީފި އެވެ.

ރާއްޖެ އަށް ހާއްސަ ލޯތްބެއް ޖެހިފައިވާ މި ޓޫރިސްޓަކީ ނައިޓޯ ޓަކާޝީ އެވެ. ފާއިތުވި 24 އަހަރުގެ ތެރޭގައި އެވްރެޖްކޮށް އޭނަ ރާއްޖެ އަށް ތިންހަތަރު ދަތުރުކޮށްފައިވެ އެވެ. ޓަކާޝީގެ 103 ވަނަ ދަތުރާ ގުޅިގެން އޭނައާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައްދަލުކުރައްވައި އެކަން ފާހަގަކޮށް، ރާއްޖެ ރަމްޒުކޮށްދޭ ހަދިޔާތެއް ދިނީ އޭނަ މިހާރު ޗުއްޓީ ހޭދަކުރާ "ބްލޫ" ސަފާރީގަ އެވެ. އެއީ ފަން އަޒުލް ފްލީޓްގެ އެއްޗެކެވެ.

ޓަކާޝީ ބުނި ގޮތުގައި ޗުއްޓީ ހޭދަކުރަން އޭނަ އަށް އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ އެވެ. އަދި ރާއްޖެ އެންމެ ހާއްސަވާ ސަބަބަކީ ލިބިފައިވާ ގުދުރަތީ ރީތިކަމާ އެއްވަރަށް މެހުމާންދާރީ ވެސް ރަނގަޅުވުން ކަމަށް ބުނެފައިވެ އެވެ. ޓަކާޝީ ބުނީ އަބަދު ވެސް ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނާނެ ކަމަށާއި ރާއްޖެ އާދެވުމުން ވަރަށް ބޮޑު އުފަލެއް ލިބޭ ކަމަށެވެ.

ޖަޕާނަކީ އާންމުކޮށް ރާއްޖެ އަށް ޓޫރިސްޓުން އަންނަ އޭޝިއާގެ އެއް ގައުމެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 1086074 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މި އަހަރު އަމާޒަކީ އަހަރު ނިމުމުގެ ކުރިން 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަކީ ރަޝިއާ، އިންޑިއާ އަދި ޗައިނާ އެވެ.