Last Updated: May 20, 01:49
Sunday, May 19, 2024
ދުނިޔެ

ޓީވީ އަށް ބަރޯސާވާ މިންވަރު ދަށްވަނީ

ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު ޓީވީ ބަލާ މީހުން މަދުވަމުން އަންނަ ކަމަށް ދިރާސާތަކަކުން ދައްކައިފި އެވެ.

މި ދިރާސާތައް ހަދާފައި ވަނީ ނީލްސެން މީޑިއާ ރިސާޗް ސެންޓަރާއި ލައިޓްމެން ރިސާޗް ގްރޫޕުންނެވެ. އެ ދެ ތަނުގެ ދިރާސާ އިން ވެސް ދައްކާ ގޮތުގައި ތަފާތު އެކި ކަހަލަ ކޮންޓެންޓްތައް ބެލުމަށް ޓީވީ ބޭނުން ކުރާ މީހުންގެ އަދަދު އަންނަނީ މަދުވަމުންނެވެ. އެގޮތުން ކޭބަލް ޓީވީ އަށް އޮތް ޑިމާންޑް ވެސް ދުވަހުން ދުވަހަށް ދަށްވަމުންދާ އިރު، ކޮންޓެންޓްތައް ބެލުމަށް މިހާރު ޒަމާނީ މާ ލުއި ފަސޭހަ ވަސީލަތްތަކަށް މީހުން ބަރޯސާވާ މިންވަރު އިތުރުވަމުން އަންނަކަން ދިރާސާތަކުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ސްމާޓްފޯނާއި ޓެބެލްލެޓް ފަދަ ވަސީލަތްތައް ތައާރަފުވި ފަހުން ކުރިން އާންމުކޮށް ބަލާ ޓީވީއާ މީހުން ދުރުމުންދާ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އެއާ ހިލާފަށް މިހާރު ގިނަ ބަޔަކު ކޮންޓެންޓްތައް ބެލުމަށް ބަރޯސާވަނީ ޒަމާނީ ޑިވައިސްތަކުން ޔޫޓިއުބާއި ޓިކްޓޮކާއި މި ނޫން ވެސް ޕްލެޓްފޯމްތަކުން ކަމަށް ދިރާސާތަކުގައި ފާހަގަކޮށްފައިވެ އެވެ.

ކޭބަލް ޓީވީ އަށް އޮންނަ ޑިމާންޑް ދަށްވަމުންދާ އިރުި، އޭގެ ބަދަލުގައި މިހާރު ގިނަ ބަޔަކު އިސްކަން ދެނީ އެ ވަގުތަކު ހުރި ތަނެއްގައި ހުރެގެން ބޭނުން ކޮންމެ ވަގުތަކު ވެސް ބަލާލެވޭ ކަހަލަ ސްޓްރީމުން ހިދުމަތްތަކަށެވެ. އެންޓަޓައިންމަންޓް ދާއިރާ އިން ދުނިޔޭގައި މިހާރު އެންމެ ބޮޑަށް ފުޅާވަމުން އަންނަ އެއް ކަމަކީ ސްޓްރީމިން އެވެ. އޭގައި މިހާރު އެންމެ ނަގާކޮޔާ ކުންފުނިތަކުގެ ތެރޭގައި ނެޓްފްލިކްސް، އެމެޒޯން ޕްރައިމް ވީޑިއޯ، ޑިޒްނީ ޕްލަސް އަދި އެޕަލް ޕްލަސް ފަދަ މަޝްހޫރު އެތައް ޕްލެޓްފޯމެއް ހިމެނެ އެވެ.

ނީލްސެލް އާއި ލައިޓްމެންގެ ދިރާސާތަކުގައި ފާހަގަކޮށްފައިވާ ގޮޔުގައި މީގެ ދެ އަހަރާ އަޅާބަލާ އިރު، ޓީވީން ކޮންޓެންޓްތައް ބަލާ މީހުންގެ އަދަދު މިހާރު ވަނީ 50 ޕަސެންޓް ދަށްވެފަ އެވެ. އަދި މި ނިސްބަތް ދުވަހުން ދާނީ ބޮޑުވަމުންނެވެ