Last Updated: May 3, 06:00
Friday, May 3, 2024
ކުޅިވަރު

ނުހައިލާ؛ ވޯލްޑް ކަޕްގައި ބުރުގާގައި

ފީފާގެ މި އަހަރުގެ އަންހެން ވޯލްށް ކަޕް މިހާރު އޮތީ ނިންމާ މަރުހަލާގަ އެވެ. ފައިނަލް މެޗް މި މަހުގެ 21 ގައި ކުޅޭނެ އެވެ. އެ މެޗަށް ނުކުންނާނީ ސްޕެއިނާއި އިނގިރޭސިވީލަތެވެ. އެކަމަކު މި ދެ ޓީމްގެ ވާހަކަ އެއްފަރާތްކޮށްފައި ވޯލްޑް ކަޕުން މި ފަހަރު ފެނުނު ތާރީހީ ބޮޑު ބަދަލެއްގެ ވާހަކަ ދައްކައިލުން ހަމަ ވަރަށް ރަނގަޅު ވާނެ އެވެ. އެ ބަދަލަކީ އަންހެނުންގެ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މުބާރާތުގެ މެޗެއްގައި ބުރުގާ އެޅި ކުޅުންތެރިއަކު ކުޅުމެވެ.

އެ ޝަރަފާއި އެ ތާރީހީ ބަދަލު ދުނިޔެ އަށް ދައްކައި ދިނީ މޮރޮކޯގެ ނުހައިލާ ބެންޒީނާ، 25، އެވެ. މޮރޮކޯ އަށް އޭނަ ބުރުގާ އަޅައިގެން ކުޅުނީ މިދިޔަ މަހުގެ 30 ގައި ދެކުނު ކޮރެއާ ދެކޮޅަށް ކުޅުނު މެޗްގަ އެވެ. އެ މެޗްގައި މޮރޮކޯ މޮޅު ވެސް އެވެ. އެ ދުވަހުގެ މެޗަކީ މުބާރާތުގައި މޮރޮކޯގެ ޓީމަށް ބެންޒީނާ ކުޅުނު ފުރަތަމަ މެޗެވެ.

މި އަހަރުގެ އަންހެން ވޯލްޑް ކަޕްގެ މެޗެއްގައި ބުރުގާ އެޅި ކުޅުންތެރިއަކާ އެކީ މި މުބާރާތުގެ ތާރީހު މޮރޮކޯ އިން ބަދަލުކޮށްލި އިރު، ފާހަގަކޮށްލެވޭ އަނެއް ކަމަކީ މިއީ އަންހެން ވޯލްޑް ކަޕްގައި އެ ގައުމު ވާދަ ވެސް ކުރި ފުރަތަމަ ފަހަރުކަމަމެވެ.

ބެންޒީނާ ގެނެސްދިން ބަތަލާ ބެހޭ ގޮތުން މޮރޮކޯގެ ކެޕްޓެން ގިޒްލާނޭ ޝެބަކް ބުނީ މިއީ މޮރޮކޯ އަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ.

"ވޯލްޑް ކަޕްގައި ބުރުގާ އަޅައިގެން ކުޅުންތެރިޔަކު ކުޅުމުގެ ޝަރަފު ލިބުނު އަރަބި ދުނިޔޭގެ ފުރަތަމަ ގައުމަށް މޮރޮކޯވުމަކީ ވަރަށް ވެސް ތާރީހީ ބަދަލެއް. ފަހުރެއް." އޭނަ ބުންޏެވެ.

ފީފާ އިން މިހާރު ތަނަވަސްކޮށް ދީފައި އޮތް ފުރުސަތުގެ ތެރެއިން އަންހެން ވޯލްޑް ކަޕްގައި ކުޅުންތެރިޔަކު އަލަށް ބުރުގާއާ އެކު ކުޅެފައިވާތީ މިއީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މުސްލިމު ވިމެން އިން ސްޕޯޓްސް ނެޓްވޯކުން ސިފަކޮށްފައިވެ އެވެ.

"އުންމީދަކީ ބެންޒީނާ ދެއްކި ނަމޫނާ އިން ހިތްވަރު ލިބިގަނެ، ކުރިއަށް އޮތް ތަނުގައި ބުރުގާ އަޅައިގެން ކުޅޭ ކުޅުންތެރިން އިތުރުވެގެން ދާނެ ކަމަށް،" ނެޓްވޯކްގެ ބާނީއެއް ކަމަށްވާ އަސްމާހް ހިލާލު ވިދާޅުވި އެވެ. "އަދި މި ބަދަލަކީ ޖުމްލަކޮށް ފުޓްބޯޅައިގައި ހިއްސާވާ އެންމެންނަށް ވެސް ލިބުނު ކުރިއެރުމެއް."

މި އަހަރުގެ އަންހެން ވޯލްޑް ކަޕް ފެށީ މިދިޔަ މަހުގެ 20 ގަ އެވެ. އޮސްޓްރޭލި އާއި ނިއުޒީލެންޑްގައި ކުރިއަށް ގެންދާ މުބާރާތަކީ މުޅިން އަލަށް 32 ޓީމެއް ވާދަކުރި މުބާރާތެވެ. އެއީ މުބާރާތުން އަލަށް 8 ޓީމަކާ އެކީގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މޮރޮކޯ، ޕެނަމާ، ރިޕަބްލިކް އޮފް އަޔަލެންޑް، ވިއެޓްނާމް، ޒެމްބިއާ، ހެއިޓީ، ފިލިޕިންސް އަދި ޕޯޗުގަލް އެވެ.