Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

11 އަހަރުގައި ކެމިސްޓްރީން އޭ ފާހެއް

މި އަހަރުގެ އޯ ލެވެލް އިންތިހާނުގެ މާއްދާއެއްގައި ބައިވެރިވެ އުމުރުން 11 އަހަރުގެ ދިވެހި ކުއްޖަކު ކެމިސްޓްރީން އޭ ފާހެއް ހޯދައިފި އެވެ.

މިއީ ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 5 ގައި ކިޔަވަމުން އަންނަ ރައްޔަން މުހައްމަދު ފައިސަލެވެ. މި ކުއްޖާގެ މި ކާމިޔާބީ އަކީ އޯ ލެވެލް އިމްތިހާނުގެ މާއްދާއެއްގައި އަމިއްލަ ގޮތުން ބައިވެރިވެ، އެ އުމުރުގެ ދިވެހި ކުއްޖަކު އެހާ ބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.

ރައްޔާން މި ހޯދި ކާމިޔާބީއާ އެކީ އާއިލާ އަށް ވަނީ ބޮޑު އުފަލެއް ލިބިފަ އެވެ. ރައްޔާނަކީ ތައުލީމީ އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އޭނަގެ ބައްޕަ އަކީ ފ. ނިލަންދު އަށް އުފަން ޑރ. މުހައްމަދު ފައިސަލެވެ. މަންމަ އަކީ ނައިފަރަށް އުފަން ޑރ. ލީނާ އަބްދުލް ވާހިދެވެ. ދެމަފިރިންގެ ވަޒީފާގެ ގޮތުން ދިރިއުޅެމުން އަންނަނީ ކުޅުދުއްފުށީގަ އެވެ. ރައްޔަކީ ފައިސަލާއި ނީލާގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ދޮއްޓަށް ހުރި އަންހެން ދަރިފުޅު މިހާރު އަންނަނީ އޭ ލެވެލް އަށް ކިޔަވަމުންނެވެ.

ރައްޔާންގެ އާއިލާ އިން ބުނި ގޮތުގައި އޯ ލެވެލްގައި ކެމިސްޓްރީން އޭ ފާސް ހޯދުމުގެ ފަހަތުގައި އޮތީ ތައުލީމީ ވެއްޓެވެ. އެގޮތުން ކުދިންނަށް ގޭތެރެ މާހައު މުޅިން ވެސް ފަހިކޮށް ދީފައި ވަނީ ފޮތާއި އެ ނޫން ވެސް އިލްމީ ކަންކަމުގެ ތެރޭގައި އުޅެން މަފުގަހިވާ ގޮތަށެވެ.

އެ އާއިލާ އުޅޭ ގޭގައި ކޭބަލް ޓީވީ އާއި އިންޓަނެޓް ފަދަ ވަސީލަތްތަކެއް ބޭނުމެއް ނުކުރެ އެވެ. އެހެންވެ ރައްޔާން ހޯދި ބޮޑު ކާމިޔާބީގެ މައިގަނޑު ސިއްރަކީ އެފަދަ ނުފޫޒުތަކުން ކުދިން ތަރުބިއްޔަތުކޮށްގެން، ތައުލީމަށް ޖެއްސި ލޯތްބާއި ޝައުގެވެ.