Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކަން ފަށަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅު ބިން ހިއްކަން ތައްޔާރުވާން ފަށައިފި އެވެ.

މިކަމަށް މިހާރު ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ދެވަނަ ފިޔަވަހީގެ ފަޅުތެރޭގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އާބަންކޯ އިން މިހާރު ވަނީ އަންގައިފަ އެވެ. އެގޮތުން ފަޅުތެރޭގައި އަޅާފައިވާ އަދި އެ ސަރަހައްދުގައި އަޑިއަށް ގޮސްފައިވާ އުޅަނދުތައް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެ އެއްޗެހީގެ ވެރިފަރާތުން ނެގުމަށް އަންގާފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ބިން ހިއްކަން ނިންމާފައި ވަނީ ނެދަލޭންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްގެންނެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް ސަރުކާރުން ރަސްމީކޮށް އަދި ހާމައެއް ނުކުރި ނަމަވެސް ބިން ހިއްކުމުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް އެނގިފައިވެ އެވެ.

ހުޅުމާލެ އަކީ މިހާރު ރާއްޖޭގައި އެންމެ ބޮޑަށް ތަރައްގީވަމުން އަންނަ ސިޓީ އެވެ. އަދި މިތަން ސިފަކުރަނީ ސްމާޓް އަދި ޔޫތުޔ ސިޓީއެއްގެ ގޮތުގަ އެވެ.

އާބަންކޯ އިން މިހާރު ވަނީ ހުޅުމާލޭގައި މީހުން ދިރިއުޅެން ކަނޑައަޅާފައިވާ ގޯތިތަކުގައި ހަތް ބުރީގެ ބަދަލުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ވެސް ދީފަ އެވެ.