Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

ހައްޖު ކޯޕަރޭޝަންގެ ސްކީމާ އެމްޕީއެލް ގުޅިއްޖެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ "މުވައްޒަފުންގެ ސްކީމު" ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބައިވެރިވެއްޖެ އެވެ.

އެ ކުންފުނިން ބުނީ އެ ސްކީމުގައި ބައިވެރިވީ ކުންފުނީގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން ސްކީލްގައި އިއްޔެ އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ނަޖީލް އަހުމަދެވެ.

"މުވައްޒަފުންގެ ސްކީމް" ގައި ބައިވެރިވާ މުވައްޒަފުންނަށް ހައްޖާއި އުމްރާއަށް ދިއުމަށް ކޮންމެ މަހަކު ވެސް މުސާރައިން ވަކި އަދަދެއް ކަނޑައާ ގޮތަށް އޮތީ ނިންމައިފަ އެވެ. އަދި މުސާރައިން ކަނޑާ މިންވަރު ކަނޑައަޅާނީ އެ މުވައްޒަފަކު އަމިއްލަ އަށް ކަމަަށް އެމްޕީއެލް އިން ބުންޏެވެ.

އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިހާރު ވެސް މުވައްޒަފުންނަށް ހައްޖާއި އުމްރާއަށް ދިއުމުގެ ފުރުސަތުތައް ކޮންމެ އަހަރަކު ވެސް ދެ އެވެ. އެގޮތުން މި އަހަރު ތިން މުވައްޒަފަކު ހައްޖަށް ދިޔަ އެވެ.