Last Updated: May 8, 20:35
Wednesday, May 8, 2024
ޚަބަރު

ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން ލޯންޗުކޮށްފި

ޓުއަރިޒަމް މިނިސްޓްރީ އާއި ޔޫއެސްއެއިޑް ގުޅިގެން ޓުއަރިޒަމް އެކްޝަން ޕްލޭން ލޯންޗުކޮށްފި / ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

ރާއްޖޭގެ ފުރަތަމަ ޓުއަރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން އެމެރިކާގެ އެހީތެރިކަމާއެކު ޓުއަރިޒަމް މިނިސްޓްރީން ލޯންޗުކޮށްފިއެވެ.

މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މޫސުމަށް އަންނަ ބަދަލުތަކަށް އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް އެކުލަވަލާފައިވާ އެކްޝަން ޕްލޭނެކެވެ. މި ޕްލޭން ތައްޔާރުކޮށްފައިވަނީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެމެރިކާގެ، ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) ގެ އެހީތެރިކަމާއި އެކުގައެވެ. މި ޕްލޭންސް ލޯންޗުކުރުމުގެ ރަސްމީއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އަދި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރ ޑެސިގްނޭޓް ހޫގޯ ޔޫހޯ ޔެން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސައްކަތް ކުރިއަށްގެންދާއިރު މޫސުމަށް އަންނަ ބަދަލުތަކަށް އިސްކަމެއް ދީގެން ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ޕްލޭން ތެރޭގައި ވަނީ ހިމެނިފައެވެ. އަދި މިއީ ރާއްޖޭގެ 5 ވަނަ ޓުއަރިޒަމް މާސްޓަރ ޕްލޭނާއިވެސް ގުޅުވައިގެން ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ފާހަގަ ކުރެއެވެ.


އަދި ޕްލޭންގައި މައިގަނޑު ފަސް ކަމެއް ހިމެނޭ ކަމަަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގައި އިޖްތިމާޢީ ތަޖުރިބާ ހިމަނައިގެން މަސައްކަތް ކުރުމާއި، މަންޒިލުގެ މުހިންމު ތަންތަން ހިމާޔަތް ކުރުމާއި، ތިމާވެށި އިޔާދަ ކުރުމާއި، ވިޔަފާރި މޮޑެލްތައް ސިންދަފާތަ ކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ އިނިޝިއޭޓިވްތަކާއި ގުޅުން ހިމެނެއެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ފުރަތަމަ ކްލައިމެޓް އެކްޝަން ޕްލޭން ލޯންޗު ކުރެވެމުން އުފާވާ ކަމަށް ބުނެފައެވެ. އަދި މޫސުމީ ބަދަލުތަކަށް ވަކާލާތު ކުރުމުގައި އެންމެ ކުރީގައި ހަރަކާތްތެރިވާ ޤައުމެއްގެ ހައިސީއްޔާތުން ރާއްޖޭގެ ކޮންމެ ސިނާޢަތަކަށްވެސް މޫސުމީ ބަދަލުތަކާއި ގުޅޭ ޕްލޭނެއް އޮންނަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަސްމީއްޔާތުގައި އެމްބެސެޑަރ ޑެސިގްނޭޓް ހޫގޯ ވިދާޅުވީ، މި ޕްލޭންގެ އެންމެ މުހިންމު އެއް ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި އިޤްތިޞާދަށް ފަހި ފުރުސަތެއް އޮތް ސިނާޢަތެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ރަނގަޅު ދެމެހެއްޓެނިވި އަދި ވިލުންވެރި ސިނާޢަތަކަށް ވުމަށް މޫސުމަށް އަންނަ ބަދަލުތަކަށްވެސް އެޑްރެސް ކުރުމެވެ. އެގޮތުން މި ޕްލޭން ތެރެއިން ރައްތަކުގެ ރައްޔިތުން ފަތުރުވެރިކަމުގެ ސިނާޢަތަށް ގުޅޭނެ ތަޞައްވަރެއް ފެނިގެން ދާ ކަމަށް ވިދާޅުވިއެވެ.

އީއްޔެ ލޯންޗު ކުރެވެނު އެކްޝަން ޕްލޭންގައި މި ސިނާޢަތުގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ ފައިނޭންސިން ހޯދާނެ މަގުތައް ވަނީ ހިމެނިފައެވެ. އެގޮތުން ތިމާވެއްޓާއި ގުޅޭ އިންވެސްޓްމެންޓުތަކަށް އިސްކަން ދީގެން ވިލުންވެރި ވިޔަފާރިއެއް ބިނާ ކުރުމަށް މަސައްކަތް ކުރެވޭނެ ގޮތާއި، އަދި މިހާރު ބައިނަލްއަޤްވާމީ ކްލައިމެޓް ފައިނޭންސިންގް މާކެޓްގައި ކަން އޮތްގޮތް ވަނީ ހިމެނިފައެވެ.

މި ޕްލޭންގެ ދަށުން ވިޔަފާރިތަކަށް 10 ކްލައިމެޓް އިންވެސްޓްމެންޓް ހައްލު ދައްކުވައިދެއެވެ. މިއީ އީޖާދީ އަދި އެޑެޕްޓިވް ހައްލުތަކެއް ހޯދައިދީ ވިލުންވެރި ވިޔާފާރިއެއް ބިނާ ކުރުމަށް ވިޔަފާރިތަކަށް ރަނގަޅު މަގުތަކެއް ހޯދައިދިނުމަށް ހިމެނިފައިވާ ފުރުސަތުތަކެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.