Last Updated: October 4, 13:32
Wednesday, October 4, 2023
ޚަބަރު

މުދަލު ޒަކާތުގެ ނިސާބަށް ބަދަލެއް

މުދަލު ޒަކާތް ވާޖިބުވާ ނިސާބު އަނެއްކާ ވެސް ބަދަލުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެ އިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ މިހާރު 7،151.90ރ. ކަމަ ކަމަށެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެ އެވެ. އެންމެ ފަހުން މުދަލުގެ ޒަކާތުގެ ނިސާބަށް ބަދަލު އައީ މިދިޔަ މެއި މަހު އެވެ. އޭރު މުދަލު ޒަކާތުގެ ނިސަބަކީ 7،312.55ރ. އެވެ.

ދެހާސް ސޯޅައިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ. އެތަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު މުދަލުޒަކާތުގެ ގޮތުގައި 91.53 މިލިޔަން ރުފިޔާ ބަލައިގަންފެއިވެ އެވެ.

ޒަކާތް ނެރުން ވާޖިބުވާނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ ރަނާއި ރިއްސާއި ފައިސާއާއި، ބިމުން ނެގޭ މަޢުދަންތަކާއި ރިކާޒާއި ވިޔަފާރި މުދަލާއި ގޮވާމާއި މޭވާގެތެރޭގައި ހިމެނޭ ގިނަ ދުވަހު ހަލާކުނުވެ ހުންނަ ތަކެއްޗާއި، ގެރި، ބަކަރިއާއި ޖަމަލެވެ.

މުދަލު ޒަކާތުގެ ނިޞާބު ހަމަވާ ފަރާތްތަކުން މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއިން 2.5 ޕަސެންޓް މުދަލު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެ އެވެ.