ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ އާ ފިލްމު "ޖާނެ ޖާ" އޭނަގެ އުފަން ދުވަހި ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.
އަންނަ މަހުގެ 21 އަކީ ކާމިޔާބު ބަތަލާގެ 43 ވަނަ އުފަން ދުވަހެވެ. އެހެންވެ މި ފަހަރު އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ނެޓްފްލިކްސް މެދުވެރިކޮށް "ޖާނެ ޖާ" ދޫކޮށްލާނެ އެވެ. މިއީ އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުންގެ ފިލްމެއް ސިނަމާތަކުގައި ނާޅުވައި، ޑިޖިޓަލްކޮށް ޕްރީމިއާކުރާ ފުރަތަމަ ފަހަރެވެ.
"ޖާނެ ޖާ" އަކީ މިސްޓްރީ ތުރިލާއެކެވެ. އެހެންވެ މިއީ ކަރީނާ އަށް މުޅިން އާ ޖޯންރާއެއް ވެސް މެ އެވެ. "ޖާނެ ޖާ" އަކީ އަކީ ޖަޕާންގެ މަޝްހޫރު ވާހަކައެއް ކަމަށްވާ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" އަށް ބިނާކޮށް، ޑައިރެކްޓަރު ސުޖޯއި ގޯޝް ހަދާފައިވާ އެއްޗެކެވެ. މީގެ ކާސްޓްގައި ވިޖޭ ވަރުމާ އާއި ޖައިދީޕް އަހުލުވާތު ވެސް ހިމެނެ އެވެ.
ކަރީނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބުނު އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ.