Last Updated: October 4, 15:06
Wednesday, October 4, 2023
ރިޕޯޓް

އައްޑޫގައި އަނެއްކާ ވެސް ވަގުންގެ އުނދަގޫ

އައްޑޫގައި އަނެއްކާ ވެސް ވަގުންގެ އުނދަގޫވެ ބޮޑުވެ، އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ފަހަކަށް އައިސް އައްޑޫގެ ބައެއް އަވަށްތަކުގައި ހިނގާ ވައްކަމުގެ ހާދިސާތައް އިތުރުވަމުންދާ އިރު، މި ފަހަކަށް އައިސް ވަގުން ގޭގެ އަށް ވަދެ ވައްކަން ކުރުން ދަނީ އިތުރުވަމުންނެވެ.

ފޭދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މީގެ ދެ ރެއެއް ކުރިން މެންދަމު އެ މީހުންގެ ގެއަށް ވަގަކު ކުޑަދޮރެއްގެ ތަންޑު ހަލާކުކޮށްލައިގެން ވަދެ، ފޯނެއް ވަނީ ވަގަށް ނަގައިފަ އެވެ. މި މައްސަލަ ފުލުހުން ވެސް ރިޕޯޓްކުރި އެވެ.

ފޭދޫގެ ބައެއް މީހުން ބުނީ އެ އަވަށުގައި އަނެއްކާ ވެސް ވައްކަން ކުރުން އިތުރުވާން ފެށީ، ވަގުން އަނެއްކާ ވެސް ރަށުތެރެއަށް ގިނަވާން ފެށުމާ ގުޅިގެން ކަމަށެވެ. އެގޮތުން މި ދޭތެރެ އިން ރަށުގައި ނެތް ވަގުން އަނެއްކާ ވެސް ރަށަށް އައުމާ އެކީ ވައްކަން ކުރުން އިތުރުވާން ފެށީ ކަމަށް ބައެއް މީހުން ބުންޏެވެ.

"މި އަވަށުގައި އާންމުކޮށް ވައްކަންކުރާ ކަމަށް އެންމެންނަށް ވެސް އެނގޭ އެއް ބަޔަކު މި އުޅެނީ. އޭގެ ތެރެއިން ބައެއް މީހުން މި ދޭތެރެ އިން ރަށުން ނުފެނި ދުވަސްތަކެއްވުމަށް ފަހު، އަނެއްކާ އެ މީހުން ރަށު ތެރެއިުން ފެށުމާ އެކީ ވައްކަމުގެ ހާދިސާތައް މި ދަނީ އިތުރުވަމުން." ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ އަވަށުގައި ވަގުންގެ އުދަނގޫ ބޮޑެވެ. އަދި ވައްކަންކުރާ ގިނަ މީހުންނަކީ މަސްތުވާގަކެތީގެ ތެރޭގައި ވެސް އުޅޭ މީހުން ކަމަށް ބައެއް މީހުން ބުންޏެވެ.

ވައްކަން އިތުރުވުމުންދާ އިރު، މިފަދަ މައްސަލަތައް ފުލުހުންނަށް ގިނަ ބަޔަކު ރިޕޯޓް ވެސް ކުރެ އެވެ. އެކަމަކު ރިޕޯޓްކުރުމަކުން ވާ ވަކި ރަނގަޅެއް ނޯވެ އެވެ.

"ވައްކަންކުރާ މީހުން ހަމަ ދޫވެފައި މި ތިބެނީ. ވައްކަމެއްކޮށްގެން ރިޕޯޓްކުރިކަން އެނގިއްޖެ ނަމަ އެ ބަޔަކަށް ވަގުންގެ ތުރާ އިތުރަށް ބޮޑުވޭ. މި ސަބަބާ ހުރެ ހަގީގަތުގައި ފުލުހުންނަށް ރިޕޯޓްނުކުރާ ކިތަންމެ ވައްކަމުގެ ހާދިސާތަކެއް އެބަ ހިނގާ." ހިތަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެ، ގިނަ ބަޔަކު ގެއިން ބޭރުގައި ކެމްޕޭން ހަރަކާތްތަކުުގައި އުޅޭތީ މި ދަނޑިވަޅަކީ ވަގުންނަށް ލިބިފައި އޮތް ރަނުގެ ފުރުސަތެކެވެ. އެހެންވެ ވަަގުން ތިބެނީ ފުރުސަތަކަށް ބަލަބަލަ އެވެ. އެހެންވެ ފަރުދީ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.

އައްޑޫގައި މިދިޔަ އަހަރަކީ ވެސް ވައްކަމުގެ ހާދިސާތައް ގިނަ އަހަރެކެވެ. އަދި ފުލުހުން މިކަމާ ދެކޮޅަށް މަސައްކަތް ވެސް ކުރެ އެވެ. އާންމުންގެ ކަންބޮޑުވުމަކީ އެ ކުރާ މަސައްކަތުގެ ނަތީޖާ އެކަށީގެންވާ ގޮތަކަށް ނުފެންނާތީ އެވެ.