އަންނަ މަހު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ އާ ފިލްމު "ޖަވާން" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ޓްރެއިލާ އިން މިއީ އެކްޝަން ތުރިލާ އަކީ ވަރަށް ޝައުގުވެރި އެއްޗަކަށްވާނެކަމުގެ ކުލަވަރު ބޮޑެވެ. ޝާހްރުކްގެ ތަފާތު ރޯލެއް ބަލާލަން ބޭނުން ނަމަ "ޖަވާން" އަކީ ފޭނުން ދޫކޮށްލާވަރުގެ ފިލްމަކަށް ހަމަ ގައިމު ވެސް ނުވާނެ އެވެ. އޭނަ ޑަބަލް ރޯލަކުން ފެންނާނެ ފިލްމުގައި ތިން ލުކެއް ހިމެނޭނެ އެވެ.
މި އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޖަވާން" އަކީ ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާފައިވާ އެއްޗެކެވެ. އަންނަ މަހުގެ 7 ގައި ރިލީޒްކުރާ މި ފިލްމަކީ ބޮލީވުޑާއި އިންޑިއާގެ ދެކުނުގެ ތަރިންތަކެއްގެ މަސްހުނި ކާސްޓެއް ފެންނާނެ އެއްޗެކެވެ.
"ޖަވާން" ގެ ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އެވެ. މީގެ ކާސްޓްގައި ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ވިޖޭ ސެތުޕަތީ، ޕްރިޔާމަނީ، ޔޯގީ ބާބޫ، ރިދިމާ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ސަންޖޭ ދަތާއި ދީޕިކާ ޕަދްކޯންގެ އިތުރުން ތަމަޅަ އެކްޓަރު ވިޖޭ ވެސް ފެންނާނެ އެވެ.
"ޖަވާން" އަކީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" އަށް ފަހު މި އަހަރު ބެލުންތެރިންނަށް އަންނަ އޭނަގެ ދެވަނަ ފިލްމެވެ. އަދި މި ފިލްމަށް މިހާރު އޮތް އެންމެ ބޮޑު ޕްރެޝަރަކީ މި މަހުގެ 11 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ރެކޯޑްތަކެއް ހެދި ސަނީ ޑިއޯލްގެ "ގަދަރު 2" ގެ ވިޔަފާރި އަށް ގުޑުން އަރުވައިލުމެވެ.