Last Updated: May 8, 16:38
Wednesday, May 8, 2024
ޚަބަރު

ޓޫރިޒަމަށް ހިއްކި ރަށްތަކަށް ނަން ކިޔަން ހުޅުވާލައިފި

default

ޓޫރިޒަމަށް ހާއްސަކޮށްގެން އައްޑޫން ހިއްކި ރަށްތަކަށް ކިޔާނެ ނަންތަކެއް ހޯދަން ކައުންސިލުން މިއަދު އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ އެ ތިން ރަށަށް ނަން ކިޔުމުގައި އަމަލުކުރަން ޖެހެނީ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ތައްޔާރުކޮށް ގެޒެޓުކޮށްފައިވާ "ޖިއޮގްރަފިކް ތަންތަނަށް ނަން ކިޔުމުގެ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެހެންވެ ރަށްތަކަށް ކިޔާނެ ނަންތަކެއް ހިޔާލު އާންމުން ދޭ އިރު، އެ ގަވާއިދުގެ 5 ވަނަ ނަމްބަރުގެ (ހ) އަދި (ށ) ގައިވާ ނުކުތާތަކަށް ދޭން އެދިފައިވެ އެވެ.

ރަށްތަކަށް ކިޔާނެ ނަންތަކެއް ހޯދަން އާންމުންގެ ހިޔާލަށް އޮންލައިންކޮށް ހުޅުވައިލީ އެކަމަށް ހާއްސަ ފޯމަކުންނެވެ. އަދި އެ
ރަށްތަކުގެ ލޮކޭޝަން އެނގޭނެ އެސް-ބިލްޓް ސާވޭ މެޕާއި "ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އުސޫލު" ކައުންސިލުން އާންމުކުރި ފޯމާ އެކީ ހިއްސާކޮށްފައިވެ އެވެ. މި ލިންކް https://docs.google.com/forms/d/e/1FAIpQLSf8-5VgyTzWlmiRX4tWT_HHl4b0Law9hUf4jhSAUWTwhWwhHA/viewform?vc=0&c=0&w=1&flr=0&pli=1 މެދުވެރިކޮށް ނަން ހުށަހެޅޭނެ އެވެ.

ޓޫރިޒަމަށް ހާއްސަކޮށްގެން ހިއްކާފައި ވަނީ ތިން ރަށެކެވެ. އެއީ ހިތަދޫ ފަޅުތެރެއިން ހިއްކާފައިވާ ދެ ރަށާއި، މީދުއާ އިންވެގެން އޮތް ފަޅުތެރޭގައި ހިއްކާފައިވާ ރަށެކެވެ. ކައުންސިލުން ބުނީ މި ރަށްތަކަށް ކިޔަން ބޭނުން ވަނީ އައްޑުއާ ގުޅޭ ކަހަލަ ނަންތަކެއް ކަމަށެވެ.

ރަށްތަކަށް ކިޔާނެ ނަންތަކެއް ހޯދަން ހުޅުވާލި އިރު، މި ރަށްތައް ޓޫރިޒަމަށް ތަރައްގީކުރަން ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި އެކަމާ ގުޅޭ މަސައްކަތްތައް ޕްލޭނިން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ރައީސް އޮފީސް ގުޅިގެން އަންނަނީ ކުރަމުންނެވެ.