Last Updated: October 4, 13:32
Wednesday, October 4, 2023
ޚަބަރު

ސިންގަޕޫރްގެ ރޮބޮޓިކް ޗެލެންޖަކަށް ހިރާ ސްކޫލް

އަންނަ މަހު ސިންގަޕޫރުގައި ބާއްވާ "ފަސްޓް ރޮބޮޓިކް ޗެލަންޖް 2023" ގައި އައްޑޫ ހިތަދޫ ހިރާ ސްކޫލުން ބައިވެރިވާން ނިންމައި، މުބާރާތަށް ތައްޔާރުވާން ފަށައިފި އެވެ.

"ފަސްޓް ރޮބޮޓިކް ޗެލަންޖް" އޮންނާނީ އަންނަ މަހުގެ 7-10 އަށެވެ. މިއަށް ހިރާ ސްކޫލް ހޮވުނީ ރޮބޮޓިކް ޗެލަންޖްގައި ބައިވެރިވާން ވުމެން އިން ޓެކްގެ ފަރާތުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލައިގެން ކަމަށް އެ ސްކޫލުން ބުންޏެވެ.

"ފަސްޓް ރޮބޮޓިކް ޗެލަންޖް" ގައި ރާއްޖެ ތަމްސީލުކުރާ އިރު އެ މުބާރާތުގައި ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމުން ވާދަ ކުރާނެ އެވެ.

މިހާރު އައްޑޫގެ އެންމެ ފާހަގަކޮށްލެވޭ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ހިރާ ސްކޫލް މެނޭޖްމަންޓުން ބުނީ މުބާރާތުގެ ތައްޔާރީތައް ސްކޫލުން ވަމުން އަންނަ އިރު، ރޮބޮޓިކްގެ މަސައްކަތަށް ބޭނުންވާ ސާމާނު ލިބި، ތަޖުރިބާ ކާރެއްގެ އެހީގައި މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ސްކޫލުން ބުނި ގޮތުގައި މުބާރާތަށް ދަރިވަރުންތަކެއް ތައްޔާރުވާ އިރު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަރިވަރުން މިހާރު ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި ދުވާލަކު މަދުވެގެން ފަސް ގަޑިއިރު އެކަމުގައި ދަރިވަރުން ވަގުތު ހޭދަކުރާ ކަމަށެވެ.

"ފަސްޓް ރޮބޮޓިކް ޗެލަންޖް" ގެ ހޯމް ތީމުގައި ހިރާ ސްކޫލްގެ ނުވަ ދަރިވަރަކު ހިއްސާވެ އެވެ. ނަމަވެސް މުބާރާތަށް ދާނީ އޭގެ ތެރެއިން ފަސް ދަރިވަރެކެވެ.

ހިރާ ސްކޫލަކީ މިދިޔަ އަހަރު ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ވެސް ހޯދާފައިވާ ސްކޫލެކެވެ.