Last Updated: May 20, 01:49
Monday, May 20, 2024
ދުނިޔެ

ދެން އޮތީ މީހަކު ހަނދަށް ފޮނުވުން: އިންޑިއާ

ހަނދަށް އުޅަނދެއް ފޮނުވައިގެން ތާރީހުން ޖާގަ ހޯދި އިންޑިއާ އިން ހަނދަށް އެސްޓްރޮނޯޓަކު ފޮނުވަން ވެސް އަމާޒު ހިފައިފި އެވެ.

ޖައްވީ މިޝަންތަކުގެ ދާއިރާ އިން އެ ގައުމު ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ދެން އޮތް އެންމެ ބޮޑު އަމާޒަކީ ކައިރި މުސްތަގުބަލެއްގައި ހަނދަށް އެސްޓްރޮނޯޓަކުން ފޮނުވުން ކަމަށެވެ. އަދި އެކަމަށް އިންޑިއާ އިން ވަރަށް ބޮޑު ސަމާލު ކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށާއި ހަނދަށް އުޅަނދެއް ފޮނުވި ބަޔަކަށް އެއީ ނުކުރެވޭނެ ކަމެއް ނޫންކަން އިންޑިއާ އިން މިހާރު މުޅި ދުނިޔެ އަށް ސާބިތުކޮށް ދީފި ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

"އެހެންވީމަ ވަރަށް ކައިރި މުސްތަގުބަލެއްގައި އަހަރެމެން ހަނދަށް މީހަކު ވެސް ފޮނުވާނަން." މާ ބޮޑު ތަފުސީލެއް ނުދެއްވައި އޭނަ ވިދާޅުވި އެވެ.

އިންޑިއާ އިން ހަނދަށް ފޮނުވި އުޅަނދު "ޗަންދުރިއާ-3" ހަނދަށް ލޭންޑްކުރީ މިދިޔަ މަހުގެ 23 ގަ އެވެ. އަދި މި އުޅަނދަކީ ހަނދުގެ ދެކުނު ތަޑިއަށް ލޭންޑްކުރި ފުރަތަމަ އުޅަނދު ވެސް މެ އެވެ.

އިންޑިއާ އިން ޖައްވީ ދާއިރާ އިން ހޯދި މި ކާމިޔާބީ އަކީ މިހާތަނަށް ޖައްވީ މިޝަންތަކުން ދެކުނުގެ އޭޝިއާގެ އެންމެ ވަރުގަދަ އެއް ގައުމުން ހޯދި އެންމެ ބޮޑު ކުރިއެރުމެވެ. އެހެންވެ މިކަން ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމައި ސަރުކާރުން މިހާރު ވަނީ އޮގަސްޓް މަހުގެ 23 އަކީ ނެޝަނަލް ސްޕޭސް ޑޭގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

އިންޑިއާ އިން ހަނދަށް އިންސާނަކު ފޮނުވަން އަމާޒު ހިފި އިރު، އެމެރިކާ އިން މިހާރު އަންނަނީ އަހަރުގެ ފަހުކޮޅު ނުވަތަ 2025 ގެ ކުރީކޮޅު އެސްޓްރޮނޯޓުންތަކެއް ހަނދަށް ފޮނުވަން ވަރުގަދަ ބޮޑު މިޝަނެއް "އާޓެމިސް" ގެ ނަމުގައި ހިންގަމުންނެވެ.