Last Updated: October 4, 13:32
Wednesday, October 4, 2023
ރިޕޯޓް

އައްޑޫގެ ޓޫރިޒަމް؛ މި ސަރުކާރުން ބޮޑު އިސްކަމެއް

ރައީސް އިބްރާޙިމް މުހައްމަދު ސާލިޙް ހުޅުދޫ-މީދޫގައި / ފޮޓޯ: އެމްޑީޕީ

އައްޑޫސިޓީގައި ފަތުރުވެރިކަން ކުރިއަރުވާ ވާހަކަ ކެމްޕެއިން ދުވަސް ވަރު އަބަދުވެސް އަޑުއިވެއެވެ. އެކަމަށް މޮޅެތި ހައްލުތައް އިއުލާންކޮށް އެކަން ކުރެވޭނެ ގޮތްތައް ހޯދައި ދެއެވެ. ނަމަވެސް ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ފެހި ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށިފަހުންވެސް އައްޑޫގެ ފަތުރުވެރިކަން ތަރައްޤީ ކުރަން ޢަމަލީ ގޮތުން ކުރެވެނު ގިނަ މަސައްކަތްތަކެއް އައްޑޫގެ ރައްޔިތުންނަށް ފެންނަން ނެތީއެވެ. ނުވަތަ ކުރެވިފައި ހުރި ކަންކަން އެންމެ އެކަށީގެންވާ ގޮތަށް ނުވާނީއެވެ.

ބައިނަލްއަޤްވާމީ އެއާޕޯޓެއް އައްޑޫގައި އެބައޮތެވެ. ބޮޑެތި ބޯޓުތައް ޖެއްސޭނެ ރަންވޭއެއް ވެސް މިހާރު އެބައޮތެވެ. ނަމަވެސް ކޮންމެ ދުވަހަކު އެއް ބައިނަލްއަޤްވާމީ ފްލައިޓު ވެސް ނުޖެއްސިގެން އުޅެނީ ކީއްވެތޯ ބަލަން ޖެހެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސިނާޢަތުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި، އައްޑޫއަށް ފްލައިޓުތައް ނުގެނެވޭ އެންމެ ބޮޑު ސަބަބަކީ އައްޑޫގައި ބެޑް ކެޕޭސިޓީ ނެތުމެވެ.

ހުވަދު އަތޮޅު ގުޅުވާލަން ސީޕްލޭން ދަތުރުތައް ފަށަން އުޅުނަސް މާލެއިން އަންނަ ބަޔަކު ސީޕްލޭންއަށް އަރައިގެން ހުވަދުއަށް ނުދާނެއެވެ. ފުވައްމުލަކު އަދި ހުވަދޫގައި އެއާޕޯޓުތައް އެބަހުއްޓެވެ. އައްޑޫއަށް އައިސް ޑޮމެސްޓިކް ފްލައިޓަކުން ދިއުމުގެ ބޭނުމެއް ނެތެވެ. ސީދާ އައްޑޫގައި ރަނގަޅު ކެޕޭސިޓީއެއް ނެތި އަދި ޓްރާންސިޓް ވާނެ އެނދުތައް ކައިރީގައި ނެތި، ފްލައިޓުތައް ނުޖެއްސޭނެއެވެ.

ކުރީގެ ސަރުކާރުތަކުން އައްޑޫގެ ފަތުރުވެރިކަން!

ގަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ތަޞައްވަރު ފުރަތަމަ ތަންފީޒު ކުރަން ފެއްޓެވީ ރައީސް މައުމޫންގެ ވެރިކަމުގައެވެ. އެގޮތުން މިހާރު ފެންނަން ހުރި ޓާމިނަލް ބިލްޑިންގް ތަރައްޤީކުރެވުނެވެ. ރައީސް މައުމޫން ވެރިކަން ނިމެން ދިޔަ އިރު އައްޑޫގައި ފުރަތަމަ ހުޅުވި ރިސޯޓު ހެރެތެރެ ހުޅުވިއެވެ. މިއީ އޭރު މަދު އެނދުތަކެއް ހުރި އައްޑޫގެ ފަތުރުވެރިކަމަށް ލިބުނު ކުރިއެރުމެކެވެ. އޭރު ރައީސް މައުމޫން ވިދާޅުވީ މިއީ ދެކުނު ޓުއަރިޒަމް ޒޯންގެ ފެށުން ކަމަށެވެ. ރައީށް މައުމޫން ސަރުކާރުވެސް ނިމިގެން ދިޔައީ ހަންކެޑެ ތަރައްޤީގެ ވާހަކަ ތަކާއެކުގައެވެ. ޢަމަލީ މަސައްކަތެއް ނުފެށިއެވެ.

އައްޑޫ ވިލިނގިލީގައި ހިންގި ޝަންގްރިއްލާ ރިސޯޓް

ރައީސް ނަޝީދު ވެރިކަން ފެށި 2009 ވަނަ އަހަރު ޖުލައި މަހު ރާއްޖޭގައި އޭރު ހުޅުވި އެންމެ މަތީ ފެންވަރުގެ އެންމެ އަގުބޮޑު ރިސޯޓު ޝަންގްރިއްލާ-ވިލިނގިލި ރިސޯޓު ހުޅުވިއެވެ. ރައީސް ނަޝީދުގެ ފަސް އަހަރަށް އެ ސަރުކާރުން ވެސް ހަންކެޑެ ސިޓީ ހޮޓަލް ތަރައްޤީ ކުރާނެ ކަމަށް ދިޔައީ ބުނަމުންނެވެ. އޭރު ސާކް ސަމިޓަށް އެއާޕޯޓުގައި ކުރެވުނު މަސައްކަތްތަކާއި އަދި ސާކް ސަމިޓަށް ކުރެވުނު މަސައްކަތުގެ އިތުރަށް ފަތުރުވެރިކަމަށް އިތުރު މަސައްކަތެއް ނުފެނި ވެރިކަން ބަދަލުވީއެވެ.

ޔަމީންގެ ވެރިކަމުގެ 5000 އެނދުން 3000 އެނދަށް ބަދަލުވި ވަޢުދު

އޭގެ ފަހުން 2013 ވަނަ އަހަރު އިންތިހާބު ބޯމަތިވިއިރު، އައްޑޫގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އެނދުތައް ޤާއިމް ކުރުމުގެ ވަޢުދުތައް ވާން ފެށިއެވެ. އޭރު އެމްޑީޕީން ކުރިމަތިލެއްވި ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި 3000 އެނދު ތަރައްޤީ ކުރައްވާނެ ކަމުގަ ވާހަކައެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރައްވާ ހަވާލުވެވަޑައިގަތް ޕީޕީއެމް ސަރުކާރުން އިއުލާން ކުރީ އައްޑޫގައި 5000 އެނދު ތަރައްޤީ ކުރުމަށެވެ.

2013 ވަނަ އަހަރު މަރަދޫގައި ޑރ.. ޖަމީލް ޕީޕީއެމް ޖަގަހަހުޅުވައި ދެއްވަނީ / —

ކެމްޕެއިންގެ ތެރެއިން މަރަދޫގެ ބޮޑުގޭ ގޯޅި ތެރޭ ސެޕްޓެމްބަރު މަހު ހުޅުވި ކެމްޕެއިން ޖަގަހަ ހުޅުއްވައި ދެއްވައި އޭރު ރައީސް ޔާމީންގެ ރަނިންގްމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ އައްޑޫގައި 5000 އެނދު ތަރައްޤީ ކުރައްވާނެ ކަމުގެ ވަޢުދު ވެވަޑައިގެންފައެވެ. ރައީސް ޔާމީން ވެރިކަމުގައި މި އެނދުތަކުގެ މާބޮޑު ވާހަކައެއް ނުދެކެވެ. ނަމަވެސް 2014 ވަނަ އަހަރު މަޖިލީހުގައި އޭރުގެ ޓުއަރިޒަމް މިނިސްޓަރ އަދީބް ވަނީ އެނދުތަައް ތަރައްޤީ ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައިވެސް އައްޑޫގެ ފަތުރުވެރިކަމަށް ރިސޯޓެއް ހުޅުވިގެން ދިޔައެވެ. 600 އެނދުގެ ރިސޯޓެއްގެ ގޮތުގައި އިއުލާން ކުރެވިގެން ދިޔަ އިސްމެހެލާހެރަ ހުޅުވުނީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ. އެތަނުގައި ހުރި 260 އެނދެވެ. އެ މަޝްރޫޢު ދެވަނަ ފިޔަވަހި އަދި ތިން ވަނަ ފިޔަވަހި ކުރިއަށް ގެންދިއުމަށް އިއުލާން ކުރެވުނު ނަމަވެސް ކުރިއަށް ނުދެއެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު / ފޮޓޯ: އައްޑޫލައިވް

ރައީސް ޔަމީން ވެރިކަމަށް ވަޑައިގަތީ އައްޑޫގައި 5000 އެނދު ތަރައްޤީ ކުރަން ނަމަވެސް، އޭރުގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ޕީޕީއެމްގެ ވަފުދަކާއި އެކު 2017 ވަނަ އަހަރު މާރިޗު މަހު ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އައްޑޫއަށް ވަޑައިގެން ވިދާޅުވީ އައްޑޫގައި 3000 އެނދު އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް މަޝްރޫޢުއެއް ހިންގަވާނެ ކަމަށެވެ. އެ މަޝްރޫޢުގެ އެއްވެސް އަޑެއް ނީވި، 2018 ވަނަ އަހަރުގެ އިންތިހާބާއި ހަމަވިއެވެ. އެ މަޝްރޫޢު ހިންގަން އޮތީ މޯލްޑިވްސް އިންޓަގްރޭޓޭޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެމްއައިޓީޑީސީ އާއި ހަވާލުކޮށްގެންނެވެ. ވެރިކަން ނިމިގެން ދިޔައީ އިސްމެހެލާ ހެރެ ފިޔަވާ އިތުރު އެނދުތައް އިތުރު ކުރުމަށް މަޝްޜޫއެއްގެ އަމަލީ މަސައްކަތް ނުފެށިއެވެ.

ސައުތު ޕާމް ރިސޯޓު، ފޮޓޯ: ސައުތު ޕާމް

ރައީސް ޔަމީންގެ ވެރިކަމުގައި އެހެން ނަމަވެސް އެއާޕޯޓް ރަންވޭ ވަނީ ބޮޑުކޮށްފައެވެ. އަދި އައު ރަންވޭއާއެކު އައްޑޫއަށް ބޮޑެތި އެއާލައިންތައް އާދެވޭނެ ގޮތް ވަނީ ހަދައިދީފައެވެ.

ރައީސް ސާލީޙްގެ ވެރިކަމުގައި ކުރިއެރުންތަކެއް!

މި ސަރުކާރުން އައްޑޫ ތަރައްޤީ ކުރުމަށް ބޮޑު އިސްކަމެއް ދިނެވެ. ގިނަ މަޝްރޫޢޫތަކެއް އިއުލާންކޮށް ފަށާފައިވެސް އެބަހުއްޓެވެ. މި ސަރުކާރު ވެރިކަމަށް އައި 8000 އެނދު ތަރައްޤީ ކޮށްދޭނެ ކަމަށާއި 5 މަންޒިލުން ގަމަށް ފްލައިޓު ގެންނާނެ ކަމުގެ ވަޢުދާއެކުއެވެ. އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާޑު ކިއުމުގައި ބޭނުން ކުރަނީވެސް މި ދެ ވަޢުދެވެ. މިއިން އެއް ކަމެއްވެސް ނުވާ ކަމުގެ ވާހަކައެވެ.

އެގޮތުން ފަތުރުވެރިކަމަށް މަގު ފަހި ކުރުމަށް، 2021 ޖަނަވަރީން ފެށިގެން އައްޑޫގެ ބިމު ކުލި ރިޒޯޓުތަކަށް އަކަ މީޓަރަކަށް 8 ޑޮލަރުން 2 ޑޮލަރަށް ކުޑަކޮށް އެންމެ ބޮޑުވެގެން ދައްކަންޖެހޭ ކުލި 2 މިލިއަން ޑޮލަރުން 8 ލައްކަ ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ. މިއީ އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.

މީދޫ ޓުއަރިޒަމް ޒޯން: ފޮޓޯ – ޙިޒްޔަމް

މީގެ އިތުރުން އައްޑޫގައި 5 ޓުއަރިޒަމް ޒޯން ޤާއިމް ކުރުމަށް ސަރަހައްދުތައް ކަނޑައަޅައި 2020 ވަނަ އަހަރު އޯގަސްޓް މަހު އެތަންތަން ތަރައްޤީ ކުރުމަށް ކުންފުނިތަކާއި ހަވާލު ކުރެވުނެވެ. އެ ޒޯންތައް މިހާރު ނިމިފައިވާއިރު، ޒޯންތަކުން ބިން ދޫކުރަން އިއުލާން ކުރީ 2021 ވަނަ އަހަރު މާރިޗު މަހުއެވެ. މުޅިއެކު 90 އަށް ވުރެ ގިނަ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ ޒޯން ގައި ހުރިއިރު މި ބިންތަކަށް ކުރިމަތިލި ފަރާތްތަކާއި ބިންތައް ވަނީ ހަވާލުކޮށްފައެވެ. އަދި އެސްއެމްއީ ބޭންކާއި އެހެނިހެން ފަރާތްތައް މެދުވެރިކޮށް ގެސްޓް ހައުސްތަކަށް ފައިނޭން ކުރެވޭނެ ގޮތް ސަރުކާރުން ވަނީ ހަމަޖައްސައި ދީފައެވެ. މީގެއިން ބައެއް ބިންތަކުގައި މިހާރު ގެސްޓް ހައުސްތައް އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މި ބިންތަކުގެ އެއްބަސްވުންތައް ފުރަތަމަ ޓުއަރިޒަމް މިނިސްޓްރީއާއެކު ވެވުނު ނަމަވެސް، ސަރުކާގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މިދިޔަ އަހަރު އެއްބަސްވުންތައް ކައުންސިލުގެ ދަށަށް ބަދަލު ކުރެވުނެވެ. މި ޒޯންތަކުން 4000 އެނދު ނެރެވޭނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.

މީގެ އިތުރުން އައްޑޫ ހަންކެޑެ ތަރައްޤީ ކުރުމަށް އޮތް އެންމެ ބޮޑު ހުރަސް އައްޑޫ މަގު ހެދުމުގެ މަޝްރުޢޫގެ ތެރެއިން ނައްތާލުމަށް އައްޑޫ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން ބްރިޖެއް ހަންކެޑެ ވަށައިގެން އެޅިއެވެ. މީގެ ކުރިން ވެރިކަން ތަކުގައިވެސް އެ މަގު އެހެން އޮތުމުން މަގު އެހެން ދިމާލަކަށް ބަދަލު ކުރަން މަޝްވަރާކޮށް ހުއްދަތައް ވެސް ދީފައި އެބަހުއްޓެވެ. އެއީ ހަންކެޑެ ސަރަހައްދުން ބީޗް ލިބޭ ދިމާލަށް މަގު އޮތުމުން ފަތުރުވެރިކަމަށް ތަރައްޤީ ކުރަން އުނދަގޫވާތީއެވެ.

ނަމަވެސް މި މަޝްރުޢޫ މި ހާރު ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، ހަންކެޑެ ބިމަށް އިތުރު 4 ހެކްޓަރު ވެސް ވަނީ ބީޗް ހެދުމަށް އިތުރުކޮށްފައެވެ. މިއީ 2082 އެނދު ތަރައްޤީ ކުރުމުގެ މަޝްރޫޢުއެކެވެ. މިމަޝްރުޢޫ ހިންގާ އެމްއެފްއެމްސީ އައްޑޫގައި މިހާރު ޤާއިމް ވެފައިވާއިރު، ޕްރޮޖެކްޓް ވަރަށް އަވަހަށް މޯބަލައިޒް ވެގެން ދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ.

ހަންކެޑެ އަށް ބިން އިތުރު ކުރެވިފައި

މީގެ އިތުރުން މި ސަރުކާރުން ވަނީ އައްޑޫގެ ފަތުރުވެރިކަމަށް 5 ރަށް ހިއްކުމަށް ފަޅުތެރިއިން ހިއްކުމަށް ނިންމައި، އޭގެ ތެރެއިން 3 ރަށް ހިއްކާފައެވެ. ރިސޯޓު ތަރައްޤީ ކުރުމަށް ހިއްކި ރަށްތަކަށް ކައުންސިލުން މިހާރު ނަންދީފައިވާއިރު، އެ ރައްތަށް ވަރަށް އަވަހަށް ފަތުރުވެރިކަމަށް ހުޅުވާލާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މިހުރިހާ މަސައްކަތާއި އެކު، މިއަހަރު ވަނީ އިންޑީއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ގަން އެއާޕޯޓު އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ގޮތަށް ތަރައްޤި ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށް އަދި ޢަމަލީ މަސައްކަތް ވެސް ފަށާފައެވެ. މިއީ އެއް ސަރުކާރަކުން އައްޑޫގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކޮށްފައިވާ ހޭދަތަކެވެ.