Last Updated: May 7, 06:20
Tuesday, May 7, 2024
ދުނިޔެ

އިންޑިއާ އިން އިރަށް ރޮކެޓެއް ލޯންޗްކޮށްފި

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހަނދަށް ވާސިލުވުމަށް ފަހު އިންޑިއާ އިން މިއަދު އިރަށް ރޮކެޓެއް ލޯންޗްކޮށްފި އެވެ.

މިއީ އިރާ ގުޅޭ ދިރާސާއަކަށް ލޯންޗްކުރި އެއްޗެއް ކަމަށް އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ބުންޏެވެ. އަދި މި ރޮކެޓް ލޯންޗްކުރި އިރު، އެތަނުގެ ވެބްސައިޓުން އެ އިވެންޓް ލައިވް ވެސް ކުރި އެވެ. އިރަށް އުދުއްސާލި ރޮކެޓަށް ދީފައިވާ ނަމަކީ "އަދިތިޔާ-އެލް1" އެވެ. މިއީ ހަތަރު މަހުގެ ތެރޭގައި 1.5 މިލިއަން ކިލޯމީޓަރު (930،000 މޭލު) އަށް ދަތުރުކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

އިރަށް ރޮކެޓަށް ފޮނުވި މިޝަނާ ބެހޭ ގޮތުން މި މިޝަންގައި އިސްކޮށް އުޅުއްވާ ސައިންޓިސްޓް ސަންކަރް ސުބްރަމާނިއަމް ވިދާޅުވީ އޭހެ ސަބަބުން އިރާ ބެހޭ ގޮތުން މީގެ ކުރިން ހޯދިފައި ނުވާ އާ މައުލޫމާތުތަކެއް ހޯދޭނެ ކަމަށެވެ.

"އަދި މީގެ ޒަރީރާ އިން ލިބޭ ޑޭޓާތަކުގެ އެހީގައި އިރާ ބެހޭ ގޮތުން ދިރާސާތަކަށް މުހިއްމު އާ ވަރަށް ގިނަ މައުލޫމާތުތަކެއް ލިބޭނެ." އޭނަ ވިދާޅުވި އެވެ.

އިންޑިއާ އިން ހަނދަށް ފޮނުވި އުޅަނދު "ޗަންދުރިއާ-3" ހަނދަށް ކާމިޔާބުކަމާ އެކީ ލޭންޑްކުރީ މިދިޔަ މަހުގެ 23 ގަ އެވެ. އަދި މިކަން ވެފައި ވަނީ ޖައްވީ މިޝަންތަކުގައި އިންޑިއާ ހޯދި ވަރަށް ބޮޑު ކުރިއެރުމަކާއި ކާމިޔާބީއަކަށެވެ. މިކަމާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ދެން އޮތް އަމާޒަކީ ކައިރި މުސްތަގުބަލެއްގައި ހަނދަށް މީހަކު ފޮނުވުން ކަމަށެވެ.