Last Updated: October 4, 13:32
Wednesday, October 4, 2023
ޚަބަރު

އަނދިރީގައި އޮތް ލިންކް ރޯޑު އެއްކޮށް ދިއްލާލަނީ

ލިންކް ރޯޑު ދިއްލާފައި / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ ލިންކް ރޯޑު އެއްކޮށް ދިއްލާލުމުގެ މަސައްކަތް މިމަސް ތެރޭ އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ލިންކް ރޯޑު ދިއްލުމުގެ މަސައްކަތް އައްޑޫސިޓީ ކައުންސިލުން ފަށާފައި ވާއިރު، މިހާރު ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ފެށިގެން، އައްޑޫ ފުލުހުންގެ އެކަޑަމީއާއި ހަމައަށް ވަނީ އެއްކޮށް ދިއްލާލާފައެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ލިންކް މިހާރު އަނދިރީގައި އޮތް ބައި، ގައުކެނޑި ބްރިޖާއި ހަމައަށް ދިއްލާލާނެ ކަމަށް އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު މިމަސައްކަތާއި ގުޅޭގޮތުން އައްޑޫލައިވް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

" އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިމަހުގެ ތެރޭ އެއްކޮށް ބްރިޖާއި ހަމައަށް ދިއްލާލެވޭތޯ. އޭގެ ފަހުން މަރަދޫ ކޮޅާއި ހަމައަށް އައު ބްރިޖް ގުޅިގެން ދާއިރު އޮންނާނީ މަގު އެއްކޮށް ދިއްލިފައި " ނިޒާރު ވިދާޅުވިއެވެ.

މިމަސައްކަތުގެ ތެރެއިން ގައުކެންޑި ބްރިޖާއި ހަމައަށް ދިއްލާލާއިރު، ހަންކެޑެ ސަރައްދުގެ ތެރެއިން ގޮސް މަރަދޫއާއި ގުޅޭ ހިސާބު ދިއްލާ ނުލާނެއެވެ. އެއީ ކުރިއަށް އޮތް ތަނުގައި ހަންކެޑެ ތެރެއިން ދާ މަގު ބޭނުން ނުކުރާނެތީއެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ހަންކެޑެ ހުޅަނގުން މަގާއި ހަންކެޑެ ވަކިކުރުމަށް އަޅަމުންދާ ބްރިޖުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރެއަށް ނިންމާލެވޭނެ ކަމަށް ބުނެފައެވެ. އެހެން ކަމުން އެހާ ހިސާބުން މަގު ޑީޓުއާ ވެ ގުޅިގެން ދާނީ އައު ބްރިޖާއެވެ. އަދި ހަންކެޑެއާއި ދިމާލަށް މަގު ބަންދުކޮށްލާނެއެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ލިންކް ރޯޑު ހެދިއިރު، ހިތަދޫ އާއި މަރަދޫ ދެމެދު އަދި ލިންކް ރޯޑު ރަށުތެރެއިންވެސް ބައެއް އޮތީ ދިއްލާ ނުލާ އަނދި ކޮށެވެ. ނަމަވެސް އެކި ދުވަސް ވަރު މަތިން ރަށުތެރޭގެ ސަރަހައްދުތައް މަގު ބައްތި ޖަހައި ދިއްލުމުގެ މަސައްކަތް ކޮށްފައިވާއިރު، މިހާތަނަށްވެސް ހިތަދޫ އާއި މަރަދޫ ދެމެދު އޮތް "ފަޅު ރައްތަކުގެ ތެރެ" އޮތީ ކަނު އަނދިރީގައެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 7.9 މިލިއަން ޑޮލަރުގެ ލޯނުގެ އެހީގައި ހަދައިފައިވާ ލިންކް ރޯޑު ރަސްމީކޮށް ބޭނުން ކުރަން ފަށައިފައި ވަނީ 2003 ވަނަ އަހަރުއެވެ.