Last Updated: May 11, 11:51
Sunday, May 11, 2025
ޚަބަރު

ފުވައްމުލަކުގައި ނަމާދު ޕްރޮގްރާމެއް ކުރިއަށް

ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ ފިރިހެން ދަރިވަރުންނަށް ހާއްސަކޮށްގެން ފުވައްމުލަކު ސިޓީ ކައުންސިލުން "ނަމާދު ޕްރޮގްރާމް" އެއް ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ފެށި ޕްރޮގްރާމްގައި 150 ދަރިވަރަކު ބައިވެރިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އުމުރުން 9-13 އަހަރާ ދެމެދުގެ ކުދިންނެވެ.

ކައުންސިލުން ބުނި ގޮތުގައި "ނަމާދު ޕްރޮގްރާމް" ގެ އެންމެ ބޮޑު މަގުސަދަކީ ފަސް ވަގުތު ނަމާދުކުރާ ޖީލެއް ބިނާކޮށް، ނަމާދަށް ކުދިންގެ ހިތުގައި އޮންނަ ޝައުގާއި ލޯބި އިތުރުކުރުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ފުވައްމުލަކުގެ މިސްކިތްތަކުގަ އެވެ. ޕްރޮގްރާމްގައި ދަސްކޮށްދޭ ކަންކަމުގެ ތެރޭގައި ރަނގަޅަށް ވުޟޫކުރުމާއި ނަމާދުގައި ކިޔާތަކެތި ހިތުންދަސް ކުރުވުމާއި ޤުރުއާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުވުމާއި، އަޤީދާ އާއި ގުޅޭ މަޢުލޫމާތަށް އަހުލުވެރިކުރުވުން ހިމެނެ އެވެ.

"ނަމާދު ޕްރޮގްރާމް" ކުރިއަށް ގެންދަން ނިންމާފައި ވަނީ 40 ދުވަހަށް ކަމަށް ކައުންސިލުން ބުންޏެވެ.