ފިލްމީ އާއިލާތަކަށް ނިސްބަތްވާ ދެ ޒުވާނަކު ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ދޯނޯ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް އާއި މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން ތައާރަފުކުރާ ފިލްމެވެ.
ސަނީ އާއި ޕޫނަމަކީ ކުރިން އެކީގައި ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނަށްވާތީ، އެ މީހުންގެ ދަރިންތަކެއްގެ ކެމިސްޓްރީ ފިލްމަކުން ބަލާލުން ވާނީ ފޭނުންނަށް ހާއްސަ ކަމަކަށެވެ. ސަނީ އާއި ޕޫނަމް އެކީގައި ކުޅުނު އެންމެ މަޝްހޫރު ފިލްމަކީ ރާއްޖޭގައި ވެސް ގިނަ މަންޒަރުތަކެއް ނެގި 1986 ގެ "ސަމަންދަރު" އެވެ.
"ދޯނޯ" އަކީ ދެ ޒުވާނަކު އެ މީހުންގެ އެކުވެރިންތަކެއް ގައުމުން ބޭރުގައި ބާއްވާ ޑެސްޓިނޭޝަން ވެޑިން ހަފުލާއަކަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވެގެން އެ މީހުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމެއް ދައްކުވައި ދޭނެ އާއިލީ ލޯބީގެ ފިލްމެކެވެ.
މި ފިލްމު ހަދާފައި ވަނީ އަލަށް ނުކުތް ޑައިރެކްޓަރު އަވްނީޝް ބަރްޖަތިއާ އެވެ. އޭނަ އަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އަދި "ހަމް ސާތު ސާތު ހޭ" ފަދަ މަޝްހޫރު އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިއެކެވެ. "ދޯނޯ" އަކީ ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި ރާޖްޝްރީން ގެނެސްދޭ އެއްޗެކެވެ.
އެ ޕްރޮޑަކްޝަން ހައުސްގެ އެންމެ ފަހުގެ ފިލްމަކީ ސޫރަޖްގެ މިދިޔަ އަހަރުގެ "އޫޗާއީ" އެވެ.