Last Updated: October 4, 13:32
Wednesday, October 4, 2023
ޚަބަރު

އައިއޯއައިޖީގައި ހޯދި ކާމިޔާބީ ފާހަގަކުރުން މިރޭ

މަޑަގަސްކަރައިގައި މި އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދިވެހި އެތްލީޓުން ހޯދި ކާމިޔާބީ ކުލަގަދަ ފހަގަކުރަން ރައްޔާތުވެއްޖެ އެވެ.

މުބާރާތަށް ފަހު ރާއްޖެ އަށް މިރޭ އެތުލީީޓުންނާއި އޮފިޝަލުން އަންނަ އިރު، މަރުހަބާ ކިޔަން ބާއްވާ ކުލަގަދަ ރަސްމިއްޔާތު އޮންނާނީ 8:45 ގައި ޖުމްހޫރީ މައިދާނުގަ އެވެ. ހަވާ ވެސް އަރުވަން ހަމަޖެހިފައިވާ އެ ރަސްމިއްޔާތަށް ވީހާ ވެސް އާންމުން ދާން ވެސް ޔޫތު މިނިސްޓްރީން ދައުވަތު ދީފައިވެ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.

ޔޫތު މިނިސްޓްރީން ބުނީ އެތުލީޓުންނާއި އޮފިޝަލުންނަށް މަރުޙަބާ ކިޔުމަށް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމުގެ މައިގަނޑު ބެނުމަކީ އެ އެތުލީޓުންނާއި އޮފިޝަލުން ދައްކައިދިން ގައުމިއްޔަތުގެ ރިވެތި ނަމޫނާ އާއި ހިތްވަރާއި، އަޒުމާއި، ހޯދާފައިވާ ފަޚުރުވެރި ކާމިޔާބީ ވީހާ ވެސް ކުލަގަދަކޮށް ފާހަގަކުރުމެވެ. އަދި އެ ކާމިޔާބީގައި ބައިވެރިވުމުގެ ފުރުޞަތު ވީހާ ވެސް ގިނަ ބަޔަކަށް ހޯދައި ދިނުމެވެ.

މިދިޔަ މަހުގެ 25 އިން މި މަހުގެ 3 އަށް މަޑަގަސްކަރައިގައި ބޭއްވި މުބާރާތުގައި ދިވެހި އެތުލީޓުން ހޯދާފައި ވަނީ ތާރީހީ ކާމިޔާބީއެކެވެ. ދެހާސް ނަވާރައިގެ މުބާރާތުގައި ދިވެހި އެތުލީޓުން ޖުމުލަ 15 މެޑަލް ހޯދި އިރު، މި ފަހަރު 28 މެޑެލް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ރަން މެޑެއްޔާއި، ނުވަ ރިހި މެޑެއްޔާއި، 14 ލޮއި މެޑައްޔެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ނަތީޖާއިން ދައްކުވައިދޭ ހަގީގަތަކީ، ރާއްޖޭހެ ކުޅިވަރުގެ ދާއިރާ ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުން އަންނަ ބުރަ މަސައްކަތާއި، ކުޅިވަރު ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ކުރިއަށްދިޔުމުގެ މަގުކޮށައި ދިނުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ކާމިޔާބު ސިޔާސަތުތަކެއް ކަމެވެ.