Last Updated: October 4, 13:32
Wednesday, October 4, 2023
ޚަބަރު

ކުރިން ނުލިބޭ އެތައް ހިދުމަތެއް މިހާރު ލިބޭ

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް / ފޮޯޓޯ: ހެލްތު މިނިސްޓްރީ

ސިއްޙީ ދައިރާއިން މީގެ ކުރިން ނުދެވޭ އެތައް ޚިދުމަތެއް މި ސަރުކާރުން ވަނި ތަޢާރަފްކޮށްފައި ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ މޯލްޑިވްސް ހެލްތު ލައިން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމީއްޔާތުގައި ރާއްޖޭގެ 7 އަތޮޅެއްގެ ހޮސްޕިޓަލައް ބޭނުންވާ މޯލްޑިވްސް ހެލްޕް ލައިން ސްޕީޑް ލޯންޗުތައް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް މަސްތަކުގައި ކޮންމެ މަހަކު 2 އަތޮޅު އިތުރުކޮށް 20 އަތޮޅަށް ބޭނުންވާ ލޯންޗުތައް އަންނަ ނޮވެމްބަރަށް ހަވާލުކޮށް ނިންމާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ހެލްތު ލައިންގެ ބޭނުމަކީ، ރަށްރަށަށް ބޭނުންވާ އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމާއި ސްޕެޝެލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ސިއްޙީ މަރުކަޒުތަކަށް ދިނުމަށާއި، ބޭހާއި ސާމްޕަލް އަދި އެމެޖެންސީ ހާލަތުގައި ބަލި މީހާ އުފުލުމެވެ. މި ލޯންޗުތައް ފަރުމާކޮށްފައިވަނީ ސިއްޙީ ދައިރާގެ ބޭނުންތަކަށް ބަލައިގެންނެވެ. މީގެ އިތުރުން ސާމްޕަލް އަދި ބޭސް އުފުލުމަށް ޑްރޯން ވެސް މި ރަސްމީއްޔާތުގައި ވަނީ ތަޢާރަފްކޮށްފައެވެ.

ރަސްމީއްޔާތުގައި ޚިދުމަތްތައް ތަޢާރަފްކޮށްދެއްވާ މިނިސްޓަރ ނަސީމް ވަނީ މީގެ ކުރިން ސިއްޙީ ދާއިރާން ނުލިބޭ އައު އެތައް ކަމެއް މި ސަރުކާރު ހަވާލުވެގެން ތަޢާރަފްކޮށްފައިވާ ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސީޓީ ޚިދުމަތް ތަޢާރަފްކޮށްފައިވާއިރު، މިހާރުވެސް ކުޅުދުއްފުށި އަދި އައްޑޫގައި އެމްއާރްއައި ޚިދުމަތް ލިބެމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިއާއެކު ރ. އުނގޫފާރު ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލް އަދި ގދ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެމްއާރްއައި ޚިދުމަތް ފެށުމަށް މިދަނީ މަސައްކަތް ކުރަމުން. މީގެ އިތުރުން 10 ހޮސްޕިޓަލެއްގައި އަލަށް ލޮލުގެ ފަރުވާ ޚިދުމަތް ފަށައި، 13 ހޮސްޕިޓަލެއްގައި ދަތުގެ ފަރުވާގެ ޙިދުމަތް ވަނީ ފަށާފައި " ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން މާބަނޑު މީހުންނަށް އެންމެ މުހިންމު ސްކޭން ކަމަށްވާ އެނޯމަލީ ސްކޭން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސައިކިއެޓްރީ ޚިދުމަތް ފަސް ހޮސްޕިޓަލުގައި ދޭން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

ސިއްޙަތާއި ބެހޭ ވުޒާރާއާއި ހަވާލުވެ ހުންނެވި މިނިސްޓަރ ނަސީމް ވަނީ މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ދެވަނަ ދައުރެއްގައި މިކަންކަން ފުރިހަމަވެ އޭގެ މަންފާ ކުރާނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.