Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

ކުނިން ހަކަތަ އުފައްދާ އައްޑޫ ޕްލާންޓް ވެމްކޯއާ ހަވާލު ކުރަނީ

ސަރުކާރުން އައްޑޫގައި ޤާއިމްކޮށްފައިވާ ކުނިން ހަކަތަ އުފައްދާ ޕްލާންޓް މާދަމާ ވެމްކޯއާއި ހަވާލު ކުރާން ނިންމައިފިއެވެ.

މާދަމާ ހެނދުނު ބާއްވާ ރަސްމީއްޔާތުގައި ޕްލާންޓު ވެމްކޯއާއި ހަވާލު ކުރާނީ، އެންވައިރޮމެންޓް މިނިސްޓްރީންނެވެ. މި ޕްލާންޓް ވެމްކޯއާއި ހަވާލު ކުރާއިރު ޕްލާންޓު ހިންގުމަށް ބޭނުންވާ މުވައްޒަފުން ނަގާ އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ވަނީ ދެވިފައެވެ. އައްޑޫސިޓީ ހިތަދޫގައި ޤާއިމް ކުރެވޭ މި ޕްލާންޓަކީ 1.5 މެގަވޯޓު ކަރަންޓު އުފެއްދޭ ޕްލާންޓެކެވެ.

ކުނިން ހަކަތަ އުފައްދާ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ "ވޭސްޓް ޓު އެނަރޖީ" ނިޒާމު ޤާއިމުކުރަނީ އައްޑޫ ސިޓީގައެވެ. މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިން ކުރެވިފައިވާ ޕްލާންޓެކެވެ.

1.5 މެގަ ވޮޓްގެ ކަރަންޓް އުފައްދާ މިޕްލާންޓުން އުފައްދާ ކަރަންޓްގެ 1 މެގަވޮޓު އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑާއި ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 500 ކިލޯ ވޮޓު ބޭނުން ކުރާނީ މިފެސިލިޓީ ހިންގަންކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

މި ޕްލާންޓުން ދެކުނުގެ ދެ ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރެއެވެ. އެގޮތުން ހުވަދުއަތޮޅުގެ ރައްތަކުން އަދި ފުވައްމުލަކު ސިޓީންވެސް މި ފެސިލިޓީއަށް ކުނި ގެންދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. މިމަޝްރޫޢު އަކީ ސަރުކާރުން ގްރީން ފަނޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުކެވެ.