Last Updated: May 11, 17:32
Sunday, May 11, 2025
މުނިފޫހިފިލުވުން

މިއީ ކަރީނާގެ ވަރަށް ތަފާތު ރޯލަކަށް ވާނެ

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރް ވަރަށް ތަފާތު ރޯލަކުން ފެންނާނެ ފިލްމު "ޖާނޭ ޖާ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި މިސްޓްރީ ތުރިލާ އަކީ "ކަހާނީ" އާއި "ބަދުލާ" ފަދަ މަގުބޫލު ތުރިލާތައް ގެނެސްދިން ޑައިރެކްޓަރު ސުޖޯއި ގޯޝް ހަދާފައިވާ ފިލްމެކެވެ. އަދި "ޖާނޭ ޖާ" އަކީ ޖަޕާންގެ މަޝްހޫރު ވާހަކައެއް ކަމަށްވާ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.

މީގެ ކާސްޓުން ކަރީނާއާ އެކީ ފެންނާނެ ތަރިންގެ ތެރޭގައި ވިޖޭ ވަރުމާ އާއި ޖައިދީޕް އަހުލުވާތު ހިމެނެ އެވެ.

"ޖާނޭ ޖާ" ސިނަމާތަކަށް ނުގެނެސް، ޑިޖިޓަލްކޮށް ޕްރީމިއާކުރާ ކަރީނާގެ ފުރަތަމަ ފިލްމެވެ. އެގޮތުން ބެލުންތެރިންނަށް ފިލްމު ދޫކޮށްލަން ހަމަޖެހިފައި ވަނީ އޭނަގެ މި މަހުގެ 21 ގައި ފާހަގަކުރާ އޭނަގެ އުފަން ދުވަހާ ދިމާކޮށް ނެޓްފްލިކްސްއިންނެވެ.

އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ. ކަރީނާގެ އިތުރު ދެ ފިލްމެއް ވެސް ކުރިއަށް އެބައޮތެވެ. އެއީ "ބަކިމްހަމް މާޑާސް" އާއި "ދަ ކްރޫ" އެވެ.