Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

ރަންވަނަ ހޯދި ޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ނިންމުމަށްފަހު މެޑަލްތަކާއެކު ދިވެހި އެތްލީޓުން ރާއްޖެ އައުމުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފި އެވެ.

ދިވެހި ޓީމަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ ޖުމްހޫރީ މައިދާނުގަ އެވެ. އެ ސަރަހައްދުން ޓީމަށް މަރުހަބާ ދަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން ވަޒީރުން އަދި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނެވެ. އެ ސަރަހައްދަށް ގިނަ އަދަދެއްގެ އާއްމުން ވެސް މިވަގުތު ވަނީ ޖަމާވެފަ އެވެ.

މިއަހަރުގެ މުބާރާތުގައި ގައުމީ ޓީމުތަކުން ވަނީ ޖުމްލަ 28 މެޑަލް ހޯދައި ކުރީގެ ރެކޯޑް ބޮޑުތަނުން މުގުރާލާފަ އެވެ. އެގޮތުން މީގެ ހަތަރު އަހަރުކުރިން ބޭއްވި ގޭމްސްގައި ރާއްޖެ އަށް ހޯދުނީ 15 މެޑަލް އެވެ.

މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ފަސް ރަން މެޑަލާއި ނުވަ ރިހި މެޑަލްގެ އިތުރުން 14 ލޯ މެޑަލް ހޯދާފަ އެވެ. ފަސް ރަން މެޑަލްގެ ތެރެއިން ހަތަރު މެޑަލް ޓޭބަލް ޓެނިސް ޓީމުން ހޯދިއިރު، ބެޑްމިންޓަނުން ވަނީ އެއް ރަން މެޑަލް ހޯދާފަ އެވެ. ޓީޓީއާއި ބެޑްމިންޓަންގެ އިތުރުން ރާއްޖެއަށް މެޑަލް ހޯދައިދިނީ ޓައެކްވަންޑޯ، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، އެތުލެޓިކްސް، އަދި ޕެރަ އެތުލެޓިކްސްއިންނެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް މިއަހަރު ބާއްވާފައި ވަނީ، އޮގަސްޓް 25 އިން ސެޕްޓެމްބަރ 3 އަށް، މަޑަގަސްކަރައިގަ އެވެ.