މި މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ކަރީނާ ކަޕޫރްގެ މިސްޓްރީ ތުރިލާ "ޖާނޭ ޖާ" އަކީ ކުރިން އައިޝްވާރިއާ ރާއީއާ އެކީ ހަދަން ޕްލޭންކުރި ފިލްމެއް ޑައިރެކްޓަރު ސުޖޯއި ގޯޝް ބުނެފި އެވެ.
ފިލްމުގެ ޓްރެއިލާ ލޯންޗްކުރަން އިއްޔެ ބޭއްވި ހަފުލާގައި އޭނަ ބުނީ "ޖާނޭ ޖާ" އަކީ އެންމެ ފުރަތަމަ 2015 ހިސާބުގައި ހަދަން ޕްލޭންކުރެވުނު ފިލްމެއް ކަމަށާއި އޭރު ފިލްމުގެ ބަތަލާއަކަށް ގެންނަން އުޅުނީ އައިޝްވާރިއާ ކަމަށެވެ. އަދި އޭރު "ޖާނޭ ޖާ" ގެ ރޯލަކަށް ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާން ވެސް ނަގަން ނިންމާފައި އޮތް ކަމަށް ސުޖޯއި ބުންޏެވެ.
ނަމަވެސް އޭރު ކަންތައްތައް ދިމާވި ގޮތުން ފިލްމުގެ މަސައްކަތް ނުފެށި، އެ ހުއްޓިގެން ދިޔައީ ކަމަށް ބުންޏެވެ.
"އެކަމަކު މިހާރު ނިކަން ދެކިބަލަ މި ފިލްމު މި ހެދުނީ ސައިފްގެ އަންހެނުން ކަރީނާއާ އެކީ." ސައިފް ވެސް ބައިވެރިވި ޓްރެއިލާ ލޯންޗިން ހަފުލާގައި ސުޖޯއި ބުންޏެވެ.
"ޖާނޭ ޖާ" އަކީ ސުޖޯއިއާ އެކީ ކަރީނާ މަސައްކަތްކުރި ފުރަމަަ ފިލްމެވެ. މީގެ އެކްޓަރުންނަކީ ވިޖޭ ވަރުމާ އާއި ޖައިދީޕް އަހުލުވާތެވެ. "ޖާނޭ ޖާ" އަކީ ޖަޕާންގެ ވާހަކައެއް ކަމަށްވާ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.
އައިޝްވާރިއާ ކުޅެން އޮތް ފިލްމެއް މީގެ ކުރިން ވެސް ކަރީނާ ކުޅުނެވެ. އެއީ ޑައިރެކްޓަރު މަދޫރް ބަންޑާކަރްގެ 2012 ގެ "ހިރޮއިން" އެވެ. އެ ފިލްމު އައިޝްވާރިއާ ދޫކޮށްލަން ޖެހުނީ އެ ދުވަސްވަރު ބަލިވެއިނުމާ ގުޅިގެންނެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ކަހާނީ" ގެ ދެ ފިލްމު ގެނެސްދިން ސުޖޯއިގެ އެންމެ ފަހުގެ ފިލްމަކީ އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫ ކުޅުނު 2019 ގެ މިސްޓްރީ ތުރިލާ "ބަދުލާ" އެވެ.
"ޖާނޭ ޖާ" ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ ކަރީނާގެ ކަރީނާގެ 43 ވަނަ އުފަން ދުވަހު މި މަހުގެ 21 ގަ އެވެ.